Last Updated: April 23, 13:05
Wednesday, April 23, 2025
ރިޕޯޓް

ސީލްއާ އެކީ އައްޑު އަށް އީދެއް!

ހިތަދޫގައި އޮތް ސީލް. ފޮޓޯ/ އެޒް ނަޖް

އައްޑޫ ހިތަދޫގައި މިހާރު އޮތް ސީލް ބަލަންދާ މީހުން ވަރަށް ގިނަ އެވެ. ވަކި ވަގުތެއް ވެސް ނެތެވެ. މިދިޔަ އާދީއްތަ ދުވަހު ހިތަދޫ ފުއްޓަރު ފަރާތު އެތެރެވަރި އަށް މި ސީލް އާންމުކޮށް އޮންނަނީ ހިތަދޫގެ ކުރީގެ ރީޖަނަލް ހޮސްޕިޓަލް ސަރަހައްދާ ދިމާލު ރާޅުފަށާ ހިސާބުގަ އެވެ.

އާދީއްތަ ދުވަހު އެ ސީލްއެއް އެ ދިމާލުން ފެނުނު ވާހަކަ އަޑުއިވުމާ އެކު އެތައް ބަޔަކު އެ ސަރަހައްދަށް ޖަމާވާން ފެށި އެވެ. ކުރިން ބެލެވުނީ ސީލް އެތަނުގައި އޮވެފައި މާ ގިނަ އިރުތަކެއް ނުވަނީސް ހިނގައިދާނެ ކަމަށެވެ. އެކަމަކު ކަންވީ އެހެނެއް ނޫނެވެ. މި ސީލް މިހާރުވެފައި ވަނީ "ބޮޑު ޝޯ" އަކަށެވެ. ބައެއް މީހުންނަށް އައިސްގެން އުޅޭ އީދަކަށެވެ.

އިއްޔެ ހަވީރު އަހަތެމެން ސީލް އަށް އޮތް ސަރަހައްދަށް ދިޔަ އިރު މީހުންތައް ޖަމާވެފަ އެވެ. އެކި އުމުރުގެ މީހުންނެވެ. އެތައް ބަޔަކު ސީލް އޮތް ދިމާއަށް އެރި ފޮޓޯ އާއި ވީޑިއޯ ނަގައި ހަދަ އެވެ. ބައެއް މީހުން އެކި ކަހަލަ އެއްޗެހި އެއަށް ކާންދޭން އުޅޭ ތަން ވެސް ފެނެ އެވެ.

 

View this post on Instagram

 

A post shared by Adtion Ahmed (@adhushan)

އަދި ބައެއް މީހުން ސީލްއާ ވަރަށް ގާތަށް ގޮސް، އެ ލައްވައި އެކި ކަހަލަ ހަރަކާތްތައް ވެސް ކުރުވަން އުޅޭ ތަން ފެނުނެވެ. އެއާ އަކީ ސީލް ދެ ލޯ ބޮޑުކޮށްލައި، ތަންމިނަށް ދޭތެރެ ދޭތެރެ އިން އަނގަ ވެސް ހުޅުވާލަ އެވެ. މިކަން އެ ބަލަން ގޮސް ތޮބި ކުދިބޮޑު މީހުންނަށް މަޖަވެ، އަތްތިލަބަޑި ޖަހާތަން ވެސް ފެނުނެވެ.

އަހަރެމެން ރޯދަ އަށް ތިބީތީ ރޯދަ ވީއްލުމަށްޓަކައި އެ ސަރަހައްދުން ގޮސްފައި، 7:00 ޖަހައި ބޮޑުވި ފަހުން އަނެއްކާ ވެސް ސީލް އަށް ދިމާއަށް ދިޔަ އިރު، މީހުންތައް ހަމަ މަދެއް ނުވެ އެވެ. އެ ސަރަހައްދުގައި އުޅޭ ބައެއް މީހުން ބުނި ގޮތުގައި ރޭގަނޑުގެ އެކި ވަގުތުތަކުގައި ވެސް މިހާރު އެ ދިމާލުން މީހުން ހުހެއް ނުވެ އެވެ. ފަތިހުފަތިހާ ވެސް މީހުން ސީލް ބަލަން ދެ އެވެ.

ސީލް ބަލަން ހިތަދޫގެ ގިނަ ބަޔަކުދާ އިރު، އައްޑޫގެ ގުޅިފައިވާ އެހެން ރަށްރަށުން ވެސް ކުދިން ގޮވައިގެންދާ މީހުން މިހާރު މަދެއް ނޫނެވެ. އަދި މިދިޔަ މަހުގެ 31 އިން ފެށިގެން އެމްޓީސީސީން މިނީ ބަހުގެ ހިދުމަތް ދެ ހަފުތާ ވަންދެން ހިލޭ ދެމުން އަންނަނީ މީގެ ބޭނުން ހިފައި މިހާރު އެހެން އަވަށްތަކުން ސީލް ބަލަންދާ މީހުން ވެސް ގިނަ އެވެ.

ސީލްއާ އެކު ބައެއް މީހުންނަށް "ބޮޑު އުފާވެރި" ކަމެއް ލިބިފައިވާ އިރު އެއަށް އުނދަގޫނުކުރަން އެދި އައްޑޫ ސިޓީ ކައުންސިލުން ހޯމަ ދުވަހު ބަޔާނެއް ވެސް ނެރެފައިވެ އެވެ. އެ ބަޔާނުގައި ބުނީ ސީލް ބަލާލަން ގިނަ ބަޔަކު އެ ސަރަހައްދަށް ޖަމާވެ، އެއަށް ކާންދީ ކައިރިން ފޮޓޯ ނެގުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.

ނަމަވެސް އެގޮތަށް އަމަލު ނުކުރުމަށް ކައުންސިލުން ވަނީ އާންމުންގެ ކިބައިން އެދިފަ އެވެ.

"ސީލް އަކީ އޭގެ ޒާތުގައި އަމިއްލަ ހާލާއިގެން އުޅޭ އެެއްޗެއްކަމުން އެ ސީލް އަށް އެއްވެސް ވަރަކަށް ގޯނާނުކޮށް، ކާން ނުދީ އަދި އޭގެ ވަށައިގެން މީހުން ޖަމާވެ ފޮޓޯ ނަގައި އިންސާނުންގެ އުނދަގޫ އެއަށް ވާ ގޮތަށް އާންމުންގެ އަމަލުތައް ނުބެހެއްޓުމަށް މި ކައުންސިލުން އިލްތިމާސްކުރަމެވެ."

މި ސީލް "ހަދަން އުޅޭ އެއްޗެއް" ނޭނގޭތީ އެ މޮނިޓަކުރުމަށްޓަކައި ވޮލަންޓިއަރުން ވެސް ހޯދަން މިހާރު އޮތީ ހުޅުވާލައިފަ އެވެ. އެއީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއި އައްޑޫ ނޭޗާ ޕާކް ގުޅިގެންނެވެ.

އާދީއްޔަ ދުވަހު އައި ސީލްގެ ކުރިން މިދިޔަ މަހުގެ 31 ވަނަ ދުވަހު ހިތަދޫ އެހެން ދިމާއަކުން ވެސް ސީލްއެއް ފެނިގެން އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނެވެ. އައްޑު އަށް އެންމެ ފުރަތަމަ ސީލްއެއް އައީ 2006 ގަ އެވެ. އޭރު ސީލް ފެނުނީ މަރަދުއާ އިންވެގެން އޮންނަ ހަންކެޑެ ސަރަހައްދުންނެވެ.