Last Updated: December 22, 16:19
Sunday, December 22, 2024
ޚަބަރު އެމްޑީޕީ

ކޮންގްރެސްގައި ޕްރައިމަރީގެ ބަހުސެއް ނެތް، ކެންޑިޑޭޓް ކަނޑައެޅުން ޕްރައިމަރީއަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: އެމްޑީޕީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ކޮންގްރެސްގައި ރިޔާސީ ޓިކެޓާ ގުޅޭ އެއްވެސް މަޝްވަރާއެއް ނުކުރާނެކަން އެޕާޓީން ހާމަކޮށްފިއެވެ.

މިމަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްއާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮންގްރެސް ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިނުމަކީ ޕާޓީގެ އަސާސީ ގަވައިދު މިހާރު މި އޮތް ގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

އިބުރޭ ވިދާޅުވީ ޕާޓީގެ އަސާސީ ގަވައިދަށް ރިޔާސީ އިންތިހާބުގެ ޕްރައިމަރީއާ ގުޅޭގޮތުން އިސްލާހެއްވެސް ހުށަހެޅިފައި ނުވާކަމަށެވެ. އެހެންނަމަވެސް ކޮންގްރެސްގައި އަސާސީ ގަވައިދަށް ބައެއްް އިސްލާހުތަކެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިހިނގާ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު މާލޭގައި ބާއްވާ އެމްޑީޕީގެ ކޮންގްރެސްއަށް މައިގަނޑު ގޮތެއްގައި ހުށަހެޅިފައިވަނީ ޕާޓީ ހިންގަން ފަސޭހަކުރުމަށްޓަކައި ގެންނަން ޖެހޭ އިސްލާހުތައް ކަމަށް އިބުރޭ ވިދާޅުވިއެވެ.

އަދި ކޮންގްރެސްގައި ނިޒާމީ ބަހުސާއި މެދު ގޮތެއް ނިންމާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ ކޮންގްރެސްއަށް އެޕާޓީން ތައްޔާރުވަމުން އަންނައިރު، މިވަގުތު ޕާޓީ ތެރޭގައި އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކީ ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އޮތް ނުތަނަވަސްކަމެވެ. އެގޮތުން ރައީސް ސޯލިހް ދެވަނަ ދައުރަކަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވެފައިވާއިރު، ރައީސް ނަޝީދު ވަނީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލުމަކީ އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވެފައެވެ.