އައްޑޫ މަރަދޫގެ މަގުތައް ހެދުމުގެ މަސައްކަތް ފަށަން ތައްޔާރުވާތީ މިހާރު ފެނާއި ނަރުދަމާ ނުލައި ހުރި ގެތަކުން ވީހާ ވެސް އަވަހަކަށް އެކަން ކުރުމަށް މަރަދޫ އަވަށު އޮފީހުން އަންގައިފި އެވެ.
އެ އޮފީހުން ނެރުނު އިއުލާނެއްގައި ބުނީ މަރަދޫގެ ހުރިހާ ގެއަކަށް މިހާރު ފެނާއި ނަރުދަމާލުމަށް ފެނަކަ ކޯޕަރޭޝަނުން މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި އެހެންވެ ހިދުމަތްތައް ގުޅުމަށް އެދިފައި ނުވާ ގޭބިސީތަކުން އެކަން ކުރިއަށް ގެންދިއުމަށް އެދިފައިވެ އެވެ.
"ޒަމާނީ ފެންވަރަށް މަގުތައް ހަދަމުންދާ އިރު، ފަހުން ފެނާއި ނަރުދަމާ ލާ ނަމަ ދިމާވެދާނެ ދަތިތަކުން ސަލާމަތްވުމަށްޓަކައި ހުރިހާ ގެއަކުން ވެސް ވީހާ ވެސް އަވަހަކަށް ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ފެނާއި ނަރުދަމާލުމަށް އަންގައި އިއުލާންކުރަމެވެ." އަވަށު އޮފީހުން ބުންޏެވެ.
މަރަދޫގެ މަގުތައް ހަދަން ތައްޔާރުވާތީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން އަވަށު އޮފީހުން ވަނީ އެ އަވަށުގެ ގޯތަކުގެ ތެރެއިން ދެ މަގަށް ވާ ގޮތަށް ހުރި ގޯތިތަކުގެ ފާރު ކަންމައްޗާ ދިމާލުން ވަށްކުރަން ވެސް އަންގައިފަ އެވެ.
އައްޑޫ މަގު ހެދުމުގެ މަޝްރޫއަކީ އިންޑިއާގެ އެފްކޮންސް ކުންފުނިން ކުރަމުން އަންނަ މަސައްކަތެކެވެ. މި ވަގުތު މަގު ހެދުން އެންމެ ބާރަށް ކުރިއަށް ދަނީ ފޭދު އާއި ހިތަދޫގަ އެވެ.