އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅާ، ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އާންމު ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ގޮވާލާ ޤަރާރު އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ.
ރައީސް ނަޝީދުގެ ގަރާރުގައި ވިދާޅުވެފައިވަނީ، ޤާނޫނުއަސާސީން ދިވެހި ދައުލަތުގެ ވެރިކަމުގެ ނިޒާމާއި އިންތިހާބީ އުސޫލުތައް ކަނޑައަޅާފައިވާ ގޮތުން، ރިޔާސީ އިންތިހާބެއްގައި އެއް ޕާޓީން އެ އިންތިހާބު ކާމިޔާބުކޮށް، ސާފުސާދާ މުތުލަގް ބާރުތަކަކާއެކު ސަރުކާރު ހިންގުމަށް އެއް ޕާޓީއަށް އާދެވުމަކީ ނާދިރުކަމަކަށް ވެފައިވާކަމަށެވެ.
ވެރިކަމުގެ ނިޒާމު ރޭވިފައިވާ އޮތްގޮތުން، ރައީސުލްޖުމްހޫރިއްޔާ ހޮވުމަށް ބާއްވާ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި، އެމްޑީޕީން އެހެން ޕާޓީތަކަކާ އެކު އިއްތިހާދުވުމުން، ސަރުކާރު ހިންގުން ގަޑުބަޑުވެ، އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދާ ނުދެވި، ސަރުކާރާމެދު އެމްޑީޕީގެ އާންމު މެމްބަރުންގެ އިތުބާރު ކުޑަވަމުންދާ ކަމަށެވެ.
ގާނޫނުއަސާސީއަށް ގެންނަން ފެންނަ އިސްލާހުތަކުގެ ގޮތުގައި ރައީސް ނަޝީދު ގަރާރުގައި ފާހަގަ ކުރައްވާފައިވަނީ، ސަރުކާރުގެ އެންމެ އިސްވެރިޔާއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އިންތިހާބު ކުރާ އެ މަޖިލީހުގެ އަޣްލަބިއްޔަތު ލިބިފައިވާ ބޮޑު ވަޒީރު ކަމުގައި ކަނޑައެޅުމަށެވެ. އަދި ދައުކަތުގެ އެންމެ މަތީ ވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އަކު ކަނޑައަޅާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ އިންތިހާބުގެ ވޯޓުގައި އެންމެ ގިނަ ވޯޓު ލިބޭ މީހާ ކަމުގައި ކަނޑައެޅުމަށެވެ.
އަދި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ބާރުތަކާއި، ބޮޑުވަޒީރަކު ސަރުކާރު ހިންގާއިރު ރައީސުލްޖުމްހޫރިއްޔާއަކަށް ލިބިދޭ ބާރުތަކާއި އަދާކުރާންޖެހޭ މައްސޫލިއްޔަތުތައް ކަނޑައެޅުމަށާއި، ރައްޔިތުންގެ މަޖިލީހުގައި ދާއިރާތަކުގެ މެމްބަރުން ތަމްސީލު ވާނެ ގޮތްތަކާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓުގެ ނިސްބަތަށް ބަލައި ޕާޓީއަށް ހާއްސަކުރެވޭ "ނެޝަނަލް ލިސްޓު"ގެ މެމްބަރުން ހިމެނޭ އުސޫލު ޤާނޫނުއަސާސީގައި ކަނޑައެޅުމަށްވެސް ރައީސް ނަޝިދުގެ ގަރާރުގައި ހުށަހަޅާފައިވެއެވެ.
ރައީސް ނަޝީދުގެ ގަރާރުގައި ގާނޫނުއަސާސީއަށް ގެންނަން ފެންނަ އިސްލާހުތަކުގެ ގޮތުގައި އިތުރަށް ހުށަހަޅާފައިވަނީ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 މެމްބަރުންނަށްވުރެއް އިތުރު ނުވާނެ ގޮތަށް އަދަދު ހިފެހެއްޓުމާއި، ސަރުކާރު ހިންގާނީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެކުލަވާލެވޭ ވަޒީރުންގެ މަޖިލީހަކުން ކަމުގައި ކަނޑައެޅުމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 ފަނޑިޔާރުން ކަމުގައި ކަނޑައެޅުމަށްވެސް ހުށަހަޅާފައިވެއެވެ.
މީގެއިތުރުން ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އެކުލެވިގެންވާގޮތަށް ގެންނަ ބަދަލުތައް ކަނޑައެޅުމަށާއި، ރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ އަސާސީ ސިފަތައް ޤާނޫނުއަސާސީގައި ކަނޑައެޅުމަށްވެސް ރައީސް ނަޝީދު ގަރާރުގައި ހުށަހަޅުއްވާފައިވެއެވެ.
"… ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށާއި، އެ ވޯޓުގެ ނަތީޖާއަކީ ދިވެހިރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ފާސްވެއްޖެނަމަ، އިސްވެ ދެންނެވި ބަދަލުތައް ޤާނޫނުއަސާސީއަށް ގެނައުމަށެވެ." ރައިސް ނަޝީދު އެމްޑިޕީގެ ކޮންގްރެސްއަށް ހުށަހަޅާފައިވާ ގަރާރުގައި ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅާ މި ގަރާރަށް ތާއީދު ކުރައްވާފައިވަނީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުއެވެ.
ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ވާހަކައަކީ ރައީސް މުހައްމަދު ނަަޝިދު އަބަދުވެސް ދައްކަވާ ވާހަކަފުޅެކެވެ. އަދި މިވެރިކަމުގައި އެކަމަށް މަސައްކަތް ކުރައްވާނީ ރައީސް ސޯލިހާއެކު މަޝްވަރާ ކުރައްވައިގެން ކަމަށް ރައީސް ނަޝީދު މީގެކުރިން ފާހަގަކުރައްވާފައިވެއެވެ.
މީގެއިތުރުން ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރުމަކީ އެމްޑީޕީގެ ސަރުކާރުގެ ވައުދެކެވެ. އަދި ލާމަރުކަޒީ ނިޒާމުން ވެރިކަން ހިންގުމަކީވެސް އެމްޑީޕީގެ ވައުދެކެވެ.