އެންވާރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ކުރި 45،000ރ. ގެ ޖޫރިމަނާ އަކީ ދައްކަންޖެހޭ އެއްޗެއް ނޫން ކަމަށް ތުލުސްދޫ ކައުންސިލުން ބުނެފި އެވެ.
އީޕީއޭ އިން ތުލުސްދޫ ކައުންސިލް ޖޫރިމަނާ ކުރީ އެ ކައުންސިލުން ކާބޯތަކެތީގެ ކުނިއަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އަޅަމުންދަނީ ކުނި މެނޭޖް ކުރުމާބެހޭ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެވެ. އީޕީއޭ އިން ވަނީ 30 ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަން ތުލުސްދޫ ކައުންސިލަށް އަންގާފަ އެވެ.
ތުލުސްދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ކުނި މެނޭޖް ކުރުމުގެ ގަވާއިދަކީ އެ ކައުންސިލް ހަދާފައިވާ އަދި އެއްވެސް އިރެއްގައި އަމަލުކުރަމުން އަންނަ ގަވާއިދެއް ނޫން ކަމަށެވެ. އެގޮތުން ޖޫރިމަނާ ފައިސާ އަކީ ދައްކަންޖެހޭ އެއްޗެއް ނޫން ކަމަށް ތުލުސްދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.
އެ ކައުންސިލުން ބުނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން 5 އޮގަސްޓް 2013 ގައި ގެޒެޓް ކޮށްފައިވާ ކުނި މެނޭޖްކުރުމުގެ ގަވައިދުގެ 31 ވަނ މާއްދާގެ (ހ) ދަށުން ކުނި މެނޭޖްކުރުމުގެ ގަވާއިދާ ޚިލާފުކަމެއް ހިނގާނަމަ ތަންފީޒީ އިދާރާއިން ބަލާ ފާސްކުރަންވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށާއި އަދި އެމާއްދާގެ (ށ) ގައި ކުނި މެނޭޖުކުރާ ފަރާތަށް ރިޕޯޓެއް ހަދާ ހުށައަޅަންވާނެ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ޖޫރިމަނާ ކުރިއިރު މިފަދަ ރިޕޯޓެއް ވެސް ލިބިފައި ނުވާ ކަމަށް ތުލުސްދޫ ކައުންސިލުން ބުނެ އެވެ.
މީގެއިތުރުން އެންވަޔަރަމަންޓް މިނިސްޓްރީއާ އެކު ކުނި މެނޭޖްކުރުމަށް 17 ޖޫން 2021 ގައި އެމްއޯޔޫއެއްގައި ސޮއިކުރެވި، ރަށުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމްކުރާނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް މިއަދާ ހަމައަށްވެސް މި އެމްއޯޔޫއާއި ގުޅޭ އެއްވެސް މަސައްކަތެއް ތުލުސްދޫގައިކޮށްފައި ނުވާ ކަމަށްވެސް ބުނެފައިވެ އެވެ.
"އީޕީއޭ ފަދަ އެޖެންސީތަކުން ޖޫރިމަނާކޮށް ނޫސްތަކުގެ ސުރުހީ ހެދުމުން ޓޫރިޒަމް ފުޅާވަމުން އަންނަ މިފަދަ ރަށްތަކުގެ އަގުވެއްޓި ގައުމުގެ އުފެއްދުންތެރި ކަމަށްވެސް މިކަމުން ނޭދެވޭ އަސަރު ފޯރާނެކަމީ ކައިރީގައިވާ ކަމެއް." އެ ބަޔާނުގައިވެ އެވެ.
ތުލުސްދޫ ކައުންސިލުން ވަނީ ލޯކަލް ޓޫރިޒަމް ތުލުސްދޫގައި ފުޅާވަމުންދާ މިދަނޑިވަޅުގައި ރަށުގެ ނަން ކިލަނބުވާ ގޮތަށް އީޕީއޭއިން މިފަދަ ޒިންމާދާރުކަން ކުޑަ ބަޔާނެއް ނެރެފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.