އިންޑިއާގެ ކުރިއަށް އޮތް ގާނޫނު ހަދާ މަޖިލީހުގެ އިންތިބާށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރަން ބޮލީވުޑްގައި "ޑްރާމާ ކްއީން" ގެ ނަމުން މަޝްހޫރު ބަތަލާ ރާކީ ސާވަންތު ނިންމައިފި އެވެ.
އޭނާ ވާދަ ކުރަނީ ނޯތު ވެސްޓް މުމްބާއީ ގޮނޑިއަށެވެ.
އެ ދާއިރާ އިން ދެން ރާކީ އާ އެންމެ ބޮޑަށް ވާދަ ކުރާނީ ސަރުކާރު ހިންގާ ކޮންގްރެސްގެ ކުރީގެ ޔުނިއަން މިނިސްޓަރު އަދި ޕާޓީގެ ޖެނެރަލް ސެކްރެޓަރީ ގްރުދާސް ކަމަތު އާއި ޝިވް ސެނާގެ ގަޖަނަން ކިރްތިކާރް އެވެ.
މީގެ އިތުރުން މަހާރަޝްތުރާ ނަވްނިރްމަން ސެނާގެ ފަރާތުން އެކްޓަރު މަހޭޝް މަންޖޭކަރާއި ސަމަޖްވާދީ ޕާޓީން އެކްޓަރު އަދި ޕްރޮޑިއުސަރު ކަމަލް އާރް ހާނާއި އާމް އާދްމީ ޕާޓީގެ ޓިކެޓްގައި މަޔަންކް ގާންދީ ވެސް ރާކީ އާ ނޯތު ވެސްޓް މުމްބާއީ ގޮނޑިއަށް ވާދަ ކުރާނެ އެވެ.
ބައެއް ފިލްމަތުކުގައި އެކްޓް ކުރުމުގެ އިތުރަށް، ގިނަ އަދަދެއްގެ އައިޓަމް ލަވަތައް ވެސް ކުޅެފައިވާ ރާކީ ބުނީ އޭނާ ނޯތު ވެސްޓް މުމްބާއީ ދާއިރާގެ ގޮނޑި އަަށް ކުރިމަތިލާން ނިންމީ ވަރަށް ގިނަ ބައެެއްގެ އެދުމުގެ މަތިން ކަމަަށެވެ. އަދި ބޭނުން ވަނީ މުމްބާއި ހިމެނޭ ދާއިރާގެ ގޮނޑިއެއް ތަމްސީލް ކުރަން ކަމަށް ވެސް "ބޮޑު އަނގައެއް" އޮންނަ ރާކީ ބުންޏެވެ.
"ވެސްޓް ބެންގާލްގެ ސްރީރާމްޕޫރުގެ ޓިކެޓް އަހަންނަށް ދޭން އިދިކޮޅު ބީޖޭޕީން ވެސް ހުށަހެޅި. އެކަމަކު އަހަންނަކީ މުމްބާއީ އަށް ނިސްބަތްވާ މީހެއް. އެހެންވީމަ މުމްބާއީ ނޫން ދާއިރާއަކަށް ކުރިމަތިލުމުގެ ބޭނުމެއް ނެތް. އަނެއްކާ އަހަންނަކަށް ނޭނގޭ ވެސްޓް ބެންގާލް ބަހުން ވާހަަކަ ދައްކާކަށް ވެސް. އެހެންވެ އެ ދާއިރާ އަށް ކުރިމަތިލުމުގެ ބޭނުމެއް ކޮބާ؟" އިންޑިއާގެ ބޮޑު ވަޒީރު ކަމަށް ހަރުކަށި ހިންދޫ ލީޑަރު ނަރެންދަރް މޮޑީ ގެންނަން ތާއީދު ކުރާ ރާކީ ބުންޏެވެ. "ހިންދީ އާއި މަރަތީ ބަހުން ވާހަކަ ދައްކަން ވަރަށް ރަނގަޅަށް އަހަރެން ދަންނަން. އަހަންނަށް ހަމަ އެންމެ ފުރުސަތެއް ދީ، އަހަންނަށް ކުރެވޭނެ ކަންތައްތައް ދައްކާލާނަން."
ރާކީ އަދި ބުނީ އޭނާ ދެން ބޭނުން ވަނީ ފިލްމީ ދާއިރާ ދޫކޮށްލައި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާން ކަމަށެވެ.
އެގޮތުން އަންހެނުން ބާރުވެރި ކުރަން ގިނަ މަސައްކަތްތަކެއް އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް "ލޮކް ސަބާ" ގައި އަޑު އުފުލާނެ ކަަމަށް ވަނީ ވައުދުވެފަ އެވެ.
މެއި މަހު ބާއްވާ ގާނޫނު ހަދާ މަޖިލީހުގެ މި ފަހަރުގެ އިންތިހާބަކީ ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުންތަކެއްގެ ޝައުގުވެރިކަން ބޮޑުވެފައިވާ އިންތިހާބެކެވެ.
ޒުވާން ޕްރައިމް މިނިސްޓަރެއްގެ ވާހަކަ ކިޔައި ދޭ ފިލްމެއް ވެސް މާދަމާ ޕްރިމީއާ ކުރާ ގޮތަށް ހަމަޖެހިފަ އެވެ.
އެއީ ޖެކީ ބަގްނާނީ ،ކޮންގްރެސްގެ ލީޑަރު ސޯނިއާ ގާންދީގެ ދަރިކަލުން ރާހޫލް ގާންދީގެ ޝަހުސިއްޔަތާ ވައްތަރު ކެރެކްޓާއަކުން ފެންނަ "ޔަންގިސްތާން" އެވެ.