ގދ.އަތޮޅުގެ ރިސޯޓުތަކުގެ ކައިރީގައި އެންވެރިކަން ނުކުރަން ގައްދޫ ކައުންސިލުން އަންގައިފި އެވެ.
ގައްދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ގދ.އަތޮޅުގެ ބައެއް ރިސޯޓުތައް ކައިރީގައި ގައްދޫގެ ބައެއް މަސްވެރި ދޯނިތަކުން އެންވެރިކަން ކުރުމުގެ ސަބަބުން އެ ރިސޯޓުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ގިނަ އުނދަގޫތަކާއި ކުރިމަތިލާންޖެހޭ ކަމުގެ ޝަކުވާ އެ ރިސޯޓުތަކުން ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން ރިސޯޓުތަކުގެ ކައިރީގައި ރޭގަނޑުގެ ވަގުތުތަކުގައި ގަދަ އަލި ބޭނުން ކުރުމާއި، ޖަނަރޭޓަރާއި އިންޖީނުތަކުގެ ގަދަ އަޑުފަށްގަޑުން، ވަކިން ހާއްސަކޮށް ރިސޯޓުގެ މޫދުކޮޓަރިތަކުގައި ތިބޭ ފަތުރުވެރިންނަށް ބިރުވެރިކަން އިހުސާސްވާ ކަމަށް ރިސޯޓުތަކުން ބުނެފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
ގައްދޫ ކައުންސިލުން ވަނީ ކުރިއަށް އޮތް ތަނުގައި މިކަން ތަކުރާރުވާނަމަ ކަމާއި ބެހޭ އިދާރާތަކަށް އަންގާ އެމަސްވެރި އޮޑި ދޯނިތައް ރިޕޯޓު ކުރާނެ ކަމަށް ރިސޯޓުތަކުން އަންގާފައިވާ ކަމަށްވެސް ބުނެފަ އެވެ. އަދި މިކަމަށްޓަކާ މި ދޯނިތަކުގެ ނަމާއި ރަޖިސްޓްރޭޝަން ނަމްބަރު ރިކޯޑުކޮށްފައިވާ ކަމަށްވެސް ރިސޯޓުތަކުން އަންގާފައިވާ ކަމަށް ބުނެފައިވެ އެވެ.
"ގދ.އަތޮޅުގައި ހިންގަމުންދާ ރިސޯޓުތަކުގެ ކައިރީގައި މިފަދައިން އެންވެރިކަން ނުކުރުމަށް މަސްވެރި އޮޑިދޯނިފަހަރުތަކަށް އަންގާ އިއުލާން ކުރަން." އެ އިއުލާނުގައިވެ އެވެ.