ކަނޑަށް އުކައިލާ ޕްލާސްޓިކާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާ، މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އާ އައްޑޫ އީކްއޭޓަ ވިލެޖް ވެސް ގުޅިއްޖެ އެވެ.
ޕާލާސްޓިކް ފުޅި މަދުކޮށް، އެއާ ދެކޮޅަށް އެކީގައި މަސައްކަތްކުރަން އީކްއޭޓަ ވިލެޖްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ މެނޭޖަރު މުހައްމަދު ވަހީދެވެ. މޯޕާހެ ފަރާތުން ސޮއިކުރެއްވީ އެއް ބާނީ އަދި ރައީސް ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އިބްރާހިމް ތޯރިގެވެ.
މި ދެ ފަރާތުގެ މެދުގައި ހެދި "ރިސޯޓް ޕެޓް ކަލެކްޝަން ޕްރޮގްރާމް" އެއްބަސްވުމުގެ ދަށުން އީކްއޭޓަ ވިލެޖުން ޕްލާސްޓިކް ފުޅި ބޭނުންކުރާ މިންވަރު މަދުކޮށް، ޕްލާސްޓިކާ ދެކޮޅަށް އައްޑޫގައި މޯޕާ އިން ހިންގާ ހަރަކާތްތަކުގައި ބައިވެރިވާނެ އެވެެ.
އެ ޖަމިއްޔާ އިން ވަނީ އެތަނުގެ "ޕެޓް ރިވާސް ލޮޖިސްޓިކް ޕްރޮގްރާމް" އައްޑޫގައި ކުރިއަށް ގެންދަން މިދިޔަ ބުރާސްފަތި ދުވަހު އައްޑޫ ސިޓީ ކައުންސިލާ އެކީ ވެސް ސޮއިކޮށްފަ އެވެ.
މި ޕްރޮގްރާމްގެ އަމާޒަކީ އައްޑޫގެ އެކި ތަންތަނުން ޕްލާސްޓިކް ފުޅި ޖަމާކޮށް، އެ ތަކެތި ރިސައިލަލް/އަޕްސައިލްކޮށް ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކެއް އޭގެ ޒަރީއާ އިން އުފެއްދުމަށް މަގުފަހިކުރުމެވެ. އެގޮތުން އައްޑޫން ކަލެކްޓްކުރާ ފުޅިތައް ގެންދާނީ މާލެއަށެވެ.
"ޕެޓް ރިވާސް ލޮޖިސްޓިކް ޕްރޮގްރާމް" ގެ ދަށުން އައްޑޫގެ ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓްތަކާއި ގެސްޓް ހައުސް ފަދަ ތަންތަނުން ޕްލާސްޓިކް ފުޅި ކަލެކްޓްކުރާނެ އެވެ. މޯޕާގެ މި ޕްރޮގްރާމް އައްޑޫގައި ކުރިއަށް ގެންދާ އިރު "ލައިފް" ފެން އުފައްދާ ހެޕީ މާކެޓާއި "ބޮނަކްއާ" ފެން އުފައްދާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ ބައިވެރިވުން ވެސް ލިބޭނެ އެވެ. އެގޮތުން އައްޑޫން އެއްކުރާ ޕްލާސްޓިކް ފުޅިތައް ރިސައިކްލުރަށްޓަކައި މާލެ އަށް ގެންގޮސް އެ މަސައްކަތްކުރާ ޕާލީ މޯލްޑިވްސްއާ ހަވާލުކުރެވޭނެ އެވެ.
ގަމުގައި ހިންގާ އީކްއޭޓަ ވިލެޖުން މޯޕާއާ ގުޅިގެން ޕްލާސްޓިކް ފުޅިއާ ދެކޮޅަށް މަސައްކަތްކުރަން ނިންމި އިރު، އެތަނަކީ މި ވަގުތު އައްޑޫގެ އެންމެ ދުވަސްވީ ޓޫރިސްޓް ފެސިލިޓީ އެވެ.
މޯޕާގެ "ރިސޯޓް ޕެޓް ކަލެކްޝަން ޕްރޮގްރާމް" ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރުގަ އެވެ. އޭގައި ބައިވެރިވެފައިވާ ތަންތަނުގެ ތެރޭގައި އަދާރަން ރިސޯޓްސް މޯލްޑިވްސް އާއި މޫވެންޕިކް ރިސޯޓް ކުރެދިވަރު މޯލްޑިވްސް އި ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަ ހުރާ އާއި ސެންޓާރާ ރަސް ފުށި ރިސޯޓް އެންޑް ސްޕާ އަދި ކުރުނބާ މޯލްޑިވްސް ހިމެނެ އެވެ.
މޯޕާ އިން ބުނި ގޮތުގައި "ރިސޯޓް ޕެޓް ކަލެކްޝަން ޕްރޮގްރާމް" ފެށިތާ ހަ މަސްދުވަހުގެ ތެރޭގައި އެ ރިސޯޓުތަކުން 926 ކިލޯގެ ޕްލާސްޓިކް ފުޅި ނަގާފައިވެ އެވެ.