ސަލްމާން ހާންގެ ހުއްދަ ނެތި އޭނާގެ ނަން ބޭނުންކޮށްގެން ފިލްމެއް ހަދަމުން ދަނިކޮށް، އެ ފިލްމުގެ ޑައިރެކްޓަރާ ދޭތެެރޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ދިން އިންޒާރާ ގުޅިގެން ފިލްމުގެ މަސައްކަތް ހުއްޓާލައިފި އެވެ.
އެ ފިލްމަކީ ސަލްމާން ހާނާއި ސަންޖޭ ދަތުގެ ފޭން ފޮލޮވިންގެ މައްޗަށް ބިނާކޮށް ޑައިރެކްޓަރު މުއައްޒަމް ބެގް ހަދަން ފެށި ޑޮކިއުމަންޓްރީ ޑްރާމާ "މުންނާބާއީ، ސައްލޫ ބާއީ" އެވެ.
ރާޖް ކުމާރު ހިރާނީގެ ހިޓް ފްރެެންޗައިޒް "މުންނާބާއީ" ސީރީޒްގެ ލީޑް ރޯލް ސަންޖޭ ކުޅުނު ފަހުން ސަޕޯޓަރުން އޭނާ އަށް އާންމުކޮށް ކިޔައި އުޅެނީ މުންނާބާއީ އެވެ. އަދި ސައްލޫ ބާއީއަކި ސަލްމާންގެ ގާތް މީހުން އާންމުކޮށް އޭނާ އަށް ކިޔައި އުޅޭ ނަމެކެވެ.
ނަމަވެސް އެ ނަންތައް ބޭނުންކޮށްގެން މުއައްޒަމް ފިލްމް ހަދަން ފެށީ ހުއްދަ ނުހޯދަ އެވެ. އެކަން އޭނާ ވެސް އަމިއްލަ އަށް ވަނީ ގަބޫލްކޮށްފަ އެވެ.
މިކަން އެނގުމާ އެކު ސަލްމާންގެ އޮފީހުން ވަނީ މުއައްޒަމް އަށް މެއިލްކަން ސަލްމާންގެ ހުއްދައަކަށް އެދުމަށް އިލްތިމާސްކޮށްފަ އެވެ.
ނަމަވެސް އީމެއިލަށް ޖަވާބެއް ވެސް ނުދީ ފިލްމުގެ މަސައްކަތާއިގެ މުއައްޒަމް ކުރިއަށް ދާތީ، ފަހުން ވަނީ އެ މައްސަލަ ކޯޓަށް ވައްދައި އޭނާ އާ ދޭތެރޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ސަލްމާންގެ ފަރާތުން އަންގައިފަ އެވެ.
މި މައްސަލާގައި އެންމެ ފަހުން ފިލްމުގެ މަސައްކަތް ހުއްޓާލި އިރު، އޭގެ 30 ޕަސެންޓް ވަނީ ޝޫޓް ވެސް ކޮށް ނިންމައިފަ އެވެ.
"އަހަންނަށް އެ އޮތީ މިހާރު ފިލްމުގެ 30 ޕަސެންޓް ނިންމާލެވިފައި. އެއީ ގާތްގަަނޑަކަށް 50 ލައްކައެއްހާ ރުފިޔާގެ މަސައްކަތް. އެހެން ނަމަވެސް ފިލްމުގެ މަސައްކަތް ހުއްޓާލަން ޖެހުމުން ވަރަށް ބޮޑަށް މާޔޫސްވެެއްޖެ،" މުއަައްޒަމް ބުންޏެވެ. "ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ހުއްދަ ހޯދުނު ނަމަ މި ވަރުގެ ގެއްލުމަކާ ކުރިމަތިލާކަށް ނުޖެހުނީސް."
މުއައްޒަމް އިތުރަށް ބުނީ މި ފިލްމްގެ މައްސަލާގައި ސަންޖޭގެ ފަރާތުން އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި ފިލްމް އުފައްދާކަން އިއުލާން ކުރީ ސަންޖޭ މިހާރު ތަންފީޒު ކުރަމުން އަންނަ ޖަލު ހުުކުމުގެ އަމުރު ސްޕްރީމް ކޯޓުން ނެރުމުގެ ކުރިން ކަމަަށް ވެސް އޭނާ ބުންޏެވެ.
މުއައްޒަމަކީ ޖޫހީ ޗަވްލާ އާއި މަނޯޖް ބަޖްޕާއީ ލީޑް ރޯލް ކުޅެ، ގަނޭޝް އަޗާރިއާ ޑައިރެކްޓް ކުރި "ސްވާމީ" ގެ ސްކްރީން ރައިޓަރެވެ. އަދި އޭނާ ވަނީ "ސައްޑާ އައްޑާ" ގެ ނަމުގައި މީގެ ކުރިން ފީޗާ ފިލްމެއް ވެސް ޑައިރެކްޓްކޮށްފަ އެވެ.