އައްޑޫ ސިޓީ ކައުންސިލުން ހިތަދޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އަށް ޒިޔާރަތްކޮށްފި އެވެ.
މި ޒިޔާރަތުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިންނާ ކައުންސިލަރުން ބައްދަލު ކުރައްވައި ހޮސްޕިޓަލަށް މި ވަގުތު ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.
އަދި އެކަންކަން ހައްލު ކުރެއްވުމަށްޓަކައި ކައުންސިލުން އަދާ ކުރެވިދާނެ ދައުރާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
މި ބައްދަލުވުމުގައި މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ދެެއްކެވި ވާހަކައިގައި ކއުންސިލް ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމާ އެކު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނާ ގުޅުން ހުރި ހުރިހާ ކަމެއްގައި ކަމާ ގުޅޭ ދާއިރާތަކުގެ ބޭފުޅުންނާ އެކު ގުޅިގެން ރައްޔިތުންނަށް ބޭނުންވާ ހިދުމަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށް ދިނުމަށްޓަކައި ކައުންސިލްގެ ފަރާތުން ވެދެވެން އޮތް ހުރިހާ އެހީތެރި ކަމެއް ފޯރުކޮށް ދެއްވުމަށް ކަމަށް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި އެޗްއާރްއެޗްގެ އެސިސްޓެންޓް މެނޭޖަރު ޚަދީޖާ ހަފްސާގެ ވާހަކައިގައި ކައުންސިލުން އިސް ނަންގަވައިގެން ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި އެ ބޭފުޅުންނަށް ދިމާވެފައިވާ ދަތިތައް އޮޅުން ފިލުއްވައި ގުޅިގެން މަސައްކަތް ކުރުމަށް ނިންމެވީތީ އުފާކުރައްވާ ކަމަށް ވިދާޅުވި އެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގައި ކައުންސިލާ އެކު މަޝްވަރާ ކުރެވި ރައްޔިތުންނަށް ފޯރުކޮށް ދޭން ޖެހޭ ހިދުމަތްތައް ދިނުމުގައި އެކުގައި އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.