Last Updated: November 25, 11:31
Monday, November 25, 2024
ޚަބަރު

ކޮވިޑް ރަނގަޅަށް މެނޭޖްކުރި ނަމޫނާ ގައުމަކަށް ރާއްޖެވާނެ: މިނިސްޓަރު

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް - ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އެންމެ ރަނގަޅަށް މެނޭޖް ކުރި ނަމޫނާ ގައުމަކަށް ރާއްޖެވާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަސީމް މިފަދައިން ވިދާޅުވެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ފެށި ވެކްސިނޭޝަން ކޭމްޕްގައި މަސައްކަތް ކުރެއްވި ފަރާތްތަކުގެ އަގު ވަޒަން ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ރާއްޖޭގައި އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީއްސުރެ ރާއްޖޭގައި ކުރަންފެށި ބުރަ މަސައްކަތް، އިތުރު ހިއްވަރަކާއެކު ކުރިއަށް ގެންގޮސް، މިއަދު މިވަނީ އިމަރޖެންސީ ޙާލަތު އުވާލާ، ކޮވިޑާއި އެކު އާއްމު ދިރިއުޅުން ކުރިއަށް ގެންދެވޭނެފަދަ ހާލަތަކަށް އާދެވިފައި ކަމަށެވެ.

"މިވަގުތު ރާއްޖެއަކީ މި ސަރަހައްދުގެ އަދި ދުނިޔޭގެ ނިޞްބަތުންވެސް، ކޮވިޑް އެންމެ ރަނގަޅަށް "މެނޭޖް" ކުރި ނަމޫނާ ޤައުމުތަކުގެ ސަފުގައި ހިމެނިފައި." މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ކޮވިޑްގެ ވެކްސިން ހޯދުމާ ރައްޔިތުންނަށް ފޯރު ކޮށްދިނުމުގައި، ރާއްޖެއިން މަސައްކަތް ކުރީ ވަރަށްވެސް ޙިކުމަތްތެރިކަމާއެކު ކަމަށެވެ. އެގޮތުން ބޭރުގެ ޤައުމުތަކާއެކު އޮންނަ ރަނގަޅު ގުޅުމުގެ ނަތީޖާއެއްގެ ގޮތުން، ވެކްސިން އެންމެ އަވަހަށް ލިބުނު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ވެކްސިން ދިނުމުގައި އިސްކަންދޭ ތަރުތީބާ ރައްކާތެރިކަން ކަށަވަރު ކުރުމާ، މުޅި އާބާދީއަށް، މީގެ ތެރޭގައި ބިދޭސިންވެސް ހިމެނޭހެން، ވެކްސިންގެ ޑޯޒްތައް ދިނުމުގައި ރާއްޖެއިން ކުރީ ނަމޫނާ މަސައްކަތެއް ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.