ލާމަރުކަޒީ ގާނޫނުން އައްޑޫ ސިޓީ ކައުންސިލަށް އާމްދަނޯ ހޯދޭނެ މަގުތައް ސަރުކާރު ވަނީ ބަންދުކޮށްފައި ކަމަށާއި ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) ވެސް ކައުންސިލް ބާރުވެރި ކުރަން މަސައްކަތް ނުކުރާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ދާދި ފަހުން އެލްޖީއޭގެ ރައިސް އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އައްޑޫ ސިޓީ ކައުންސިލް އުވައިލާނެ ކަމަށް ވިދާޅުވެ، ދެއްވި އިންޒާރާ ގުޅިގެން ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ކައުންސިލަށް އާމްދަނީ ލިބޭނެ ހުރިހާ މަގެއް ސަރުކާރުން ވަނީ ބަންދުކޮށްފައިވާ" ކަމަށާއި "އެ ވާހަކަ އެލްޖީއޭ އިން ދައްކައި، ކައުންސިލް ބާރުވެރި ކުރުމަށް މަސައްކަތެއް ނުކުރާ" ކަމަށެވެ.
"އައްޑޫ ސިޓީ ކައުންސިލަށް އާމްދަނީ ހޯދުމުގެ ފުރުސަތު ލާމަރުކަޒީ ގާނޫނުން ވަނީ ލިބިފަ އެވެ. އެކަމަކު ގެސްޓް ހައުސް އާއި ސިޓީ ހޮޓާ އަޅަން އައްޑޫން ބިން ދޫކުރުމުގެ ހުއްދަ ސަރުކާރުން ނުދެ އެވެ. ކައުންސިލަށް އާމްދަނީ ލިބޭނެ ހުރިހާ މަގެއް ސަރުކާރުން ވަނީ ބަންދުކޮށްފަ އެވެ." ބަޔާނުގައިވެ އެވެ. "ސިޔާސީ ޕާރޓީއެއްގެ ސަޕޯޓަރުން ހިތް ރުއްސުމަށްޓަކައި ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމުގެ ހަގީގަތް ބަލާލުމެއް ނެތި ހަގީގަތާ ހިލާފު ދޮގު ވާހަކަ ދެއްކުމަކީ ކައުންސިލުން ނުހަނު ކަންބޮޑުވާ މައްސަލައެކެވެ. އަދި މިކަމަކީ ލާމަރުކަޒީ ނިޒާމުން ރައްޔިތުންނަށް ކަށަވަރުކޮށް ދީފައިވާ ރައްޔިތުން ކަންކަމުގައި ބަސް ބުނުމުގެ ހައްގު ރައްޔިތުންގެ ކިބައިން ނިގުޅައި ގަތުމަށްޓަކައި ކުރަމުންދާ ކަމެއް ކަމުގައި އައްޑޫ ސިޓީ ކައުންސިލުން ދެކެމެވެ."
ކައުންސިލުން އިތުރަށް ބުނީ ލާމަރުކަޒީ ގާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކުރާ ނަމަ އެ ކަންކަން ކުރެވިގެންދާން ޖެހޭނީ ކައުންސިލާއި މަޝްވަރާކޮށް، ކައުންސިލްގެ ލަފާގެ މަތިންނެވެ.
ނަމަވެސް މިދިޔަ ދުވަސްތަކުގެ ތެރޭގައި އައްޑޫގައި ސަރުކާރުން ހިންގާ އެއްވެސް ކަމެއްގެ މައުލޫމާތު ކައުންސިލާ ހިއްސާކޮށްފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
"ލާމަރުކަޒީ ގާނޫނުން ކައުންސިލަށް ލާޒިމް ކުރާ ކަންކަން ކުރާ ގޮތް ކައުންސިލުން ބަލަން ޖެހެ އެވެ. އެކަން ހަމަ މަގުން ނުދާނަމަ އެކަމަށް ބަސްބުނުމުގެ ހައްްގު ކައުންސިލަށް ލިބިގެންވެ އެވެ." ބަޔާނުގައިވެ އެވެ. "ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާ އަށް އޮތް ކަރަންޓްގެ ހާލަތު ބެލުމަށް ފެނަކަ ކޯޕަރޭޝަނާއި ވަނީ ބައްދަލުކޮށްފައެވެ. މަގު ހަދަމުން އަންނަ ރޯޑް ކޯޕަރޭޝަން އާ ކައުންސިލުން ބައްދަލުކޮށްފި އެވެ. ހޮސްޕިޓަލްގެ ހާލަތު ބަލައިފި އެވެ. ޖުމްލަކޮށް އައްޑޫގެ ހުރިހާ މުވައްސަސާތަކާއި ކައުންސިލްގެ އާ ދައުރުގެ މިވީ ދުވަސްކޮޅު ވަނީ ބައްދަލުކޮށްފަ އެވެ."
ކައުންސިލުން އަދި ބުނީ އައްޑޫގެ މަގުތައް ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި މަގުގެ އީއައިއޭ ވެސް ނަހަދައި، މަގުގެ ޑިޒައިނެއްހާ ހިސާބު ވެސް ކައުންސިލާ ހިއްސާ ކުރުމެއް ނެތި ތާރުއަޅައިގެން ހަދަމުންދާތީ އެކަން ގާނޫނާ ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް ދެންނެވުން ފިޔަވައި މަސައްކަތް ހުއްޓުވުމަށް ކައުންސިލުން އެއްވެސް ކަމެއްކޮށްފައި ވެސް ނުވާނެ ކަމަށެވެ.
"އަދި މިހާތަނަށް ސަރުކާރުން އައްޑޫސިޓީ ކައުންސިލަށް ހުށަހެޅި ހުރިހާ ކަމެއްގައި ކައުންސިލުން ވަނީ އެއްބާރުލުން ދީފަ އެވެ. އޭގެތެރޭގައި ހުޅުދޫ އާއި މީދޫގައި ސްޕޯޓްސް އެރީނާތަކެއް ހަދަން ބިން ބޭނުންވެގެން އެ ދެ ރަށުން އެދުމުން އެކަން ވެސް ވަނީ ހަމަޖައްސައި ދީފަ އެވެ." ބަޔާނުގައިވެ އެވެ. "މި ސިޓީގެ ފޭދޫގައި ފުޓްސަލް ދަނޑެއް އަޅަން ބިމެއް ހަމަޖައްސައި ދޭން އެދުމުން ކައުންސިލުން އެކަން ވެސް ކޮށް ނުދިން ކަމަށް ވިދާޅުވެ އެލްޖީއޭގެ ރައީސް ނާޒިމް ދެއްކެވި ވާހަކަފުޅަކީ ރައްޔިތުންނަށް ކަމުގެ ހަޤީގަތް އޮޅުވާލުމަށްޓަކައި ހައްދަވާފައިވާ އިތުރުފުޅެކެވެ. އެހެނީ އައްޑޫ ސިޓީގެ ފޭދޫ އަވަށުގައި ފުޓްސެލް ދަނޑެއް އެޅުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން މިއަދާ ހަމައަށް މިކައުންސިލްގައި އެދިފައެއް ނުވެ އެވެ."