ތިލަމާލެ ބްރިޖްއަޅާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރިނަމަވެސް ބްރިޖް މަސައްކަތަށް މަޑުޖެހުމެއް ނާންނާނެ ކަމަށް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންނަށް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ، ތިލަމާލެ ބްރިޖްއަޅާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރާފައިވާތީ އެކަމާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ޕްލެޓްފޯމް ފަރަށްއަރާ އެ ފަރަށް ލިބުނު ގެއްލުމުގެ މައްސަލަ ނުނިމިއޮތްނަމަވެސް ބްރިޖް މަސައްކަތް ލަސް ނުވާނެ ކަމަށެވެ.
"ދެން އޭގެ ސަބަބުން އެ ޕްރޮސެސް ކުރިއަށް ދިޔަ ކަމުގައި ވިޔަސް، އަޅުގަނޑުމެންނަކަށް ބްރިޖުގެ މަސައްކަތަށް ލަސްވާންޖެހޭ ސަބަބެއް ނޫން އެއީކީ. ޑިސްޕިއުޓެއް އޮވެދާނެ ތިމާވެއްޓަށް ގެއްލުންވި ކަމަށް ވަންޏާ އެ ވީ ގެއްލުމުގެ ބަދަލާ ގުޅޭގޮތުން." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ފަރަށް ލިބުނު ގެއްލުމާއި އެކަމަށް އަރާނެ ޖުރިމަނާއެއް އެނގޭނީ އީޕީއޭގެ އެސެސްމެންޓް ނިމުމުން ކަމަށެވެ.
ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށްދަނިކޮށް ޕްލެޓްފޯމެއް ފަރަށް އަރާފައިވަނީ ޕްލެޓްފޯމް އެންކާ ކުރުމުގެ މަސައްކަތް ކުރުމުގެ ތެރެއިން ޕްލެޓްފޯމްގެ އެންކާއަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ.