ހަތާވީސް ބައިވެރިންނާ އެކު އައްޑޫގައި ބޭސިކް ޖާނަލިޒަމް ކޯހެއް ބާއްވައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާ ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ހިންގި މި ކޯސް ބޭއްވީ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލް ގަ އެވެ.
ކޯހުގައި ކިޔަވައި ދެއްވީ އެމްއެމްސީގެ ކުރީގެ ރައީސް މުހައްމަދު ނަޒީފާއި އެމްއެމްސީގެ ކުރީގެ ނައިބް ރައީސް އަޙްމަދު ޢަބްދުﷲ އެވެ.
އައްޑޫގައި ކުރިއަށް ގެންދިޔަ މި ކޯހުގެ މަގުސަދަކީ އައްޑޫގެ ޒުވާނުންތަކެއް ނޫސްވެރި ކަމުގެ ދާއިރާ އަށް ކަމަށް ނެރުމަށް އެހީތެރިވެ ދިނުމާއި ޒުވާނުން ނޫސްވެރިކަށް އަހުލުވެރި ކުރުމެވެ.
ކޯހުގައި މައިގަނޑު ގޮތެއްގައި ބަލާފައި ވަނީ ނޫސްވެރިންގެ ސުލޫކީ މިންގަނޑު ހިފަހައްޓާނޭ ގޮތާއި ޚަބަރު އެއްކުރާނޭ ގޮތުގެ އިތުރުން ޚަބަރު ގެނެސް ދިނުމުގައި ކޮންމެހެން ހުންނަން ޖެހޭ އަސާސީ ކަންތައްތަކާއި އާންމުން ބަލައި ގަންނަ ނޫސްވެރިއަކަށް ވުމަށްޓަކައި ކުރަން ޖެހޭ ކަންތައްތަކެވެ.
ދޭތެރެ ދޭތެރެ އިން އައްޑޫގައި ނޫސްވެރިން ތަމްރީނު ކުރުމުގެ ކޯސްތައް ހިންގި ނަމަވެސް، އައްޑޫގައި ހިންގާ އޮންލައިން ނޫސްތަކަށް ލިޔާނެ މީހުން ހޯދުމަކީ ވަރަށް އުނދަގޫ މައްސަލައެކެވެ.
މި މައްސަލަ އައްޑޫގައި އެންމެ ބޮޑަށް ހިނގާ "އައްޑޫ ލައިވް" އާއި "އައްޑޫ އޮންލައިން" އަށް ވެސް ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަން ފާހަގަ ކުރެވެ އެވެ.