ތިލަމާލެ ބްރިޖްއަޅާ ޕްލެޓްފޯމެއް ވިލިނގިލީ ފަރަށް އެރުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ ބަދަލު ހޯޯދަންޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ތިލަމާލެ ބްރިޖް އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ފަރަށް އަރާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ނަމަވެސް އަދިވެސް ޕްލެޓްފޯމް ފުންކުރެވިފައި ނުވާއިރު އޭގެ ސަބަބުން ފަރަށް ގެއްލުންތައް ލިބެމުންދާތީ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކަމާ ގުޅިގެން އަލީ ހުސެއިން ވިދާޅުވީ ބްރިޖް ޕްލެޓްފޯމް ވިލިނގިލި ފަރަށް އެރުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ ބަދަލު އެ މަސައްކަތާ ހަވާލުވެގެން އުޅޭ ފަރާތުން ހޯދަން ޖެހޭނެ ކަަމަށެވެ. ނަމަވެސް މުމްބާއި އާބިޓްރޭޝަނަށް ގޮސްގެން އެ ކަމެއް ނުވާނެ ކަމަށް އަލީ ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ފަރަށް ލިބުނު ގެއްލުމާއި އެކަމަށް އަރާނެ ޖުރިމަނާއެއް އެނގޭނީ އީޕީއޭގެ އެސެސްމެންޓް ނިމުމުން ކަމަށެވެ. ޕްލެޓްފޯމް ފަރަށް އެރި ނަމަވެސް ބްރިޖް މަސައްކަތަށް މަޑުޖެހުމެއް ނާންނާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށްދަނިކޮށް ޕްލެޓްފޯމެއް ފަރަށް އަރާފައިވަނީ ޕްލެޓްފޯމް އެންކާ ކުރުމުގެ މަސައްކަތް ކުރުމުގެ ތެރެއިން ޕްލެޓްފޯމްގެ އެންކާއަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ.