ވެއްޓާ ގުޅުން ހުރި ތަންތަން މެނޭޖްކުރުމާއި އެތަންތަނުން ލިބޭ އާމްދަނީ ވެސް ދާނީ ސީދާ ކައުންސިލްތަކަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެެ.
މިހާރު ކުރިއަށްދާ އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގެ ހެނދުނުގެ ދަންފަޅީގައި މިނިސްޓަރަށް އަމާޒުވި ސުވާލަކާ ގުޅިގެން ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ވެސް ލާމަރުކަޒީ އުސޫލުން ކަންކަން ކުރިއަށް ގެންދިއުން ކަމަށެވެ. އެހެންވެ އެކަމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އައްޑު އާއި ފުވައްމުލަކުގައި ހުރި ގުދުރަތީ ވެށީގެ ހާއްސަ ތަންތަން ބަލަހައްޓާނީ ސީދާ އެ ސިޓީތަކުގެ ކައުންސިލްތަކުން ކަމަށާއި އެތަންތަނުން ލިބޭ އާމްދަނީ ވެސް ވަންނާނީ ސީދާ ކައުންސިލްގެ ބަޖެޓަށް ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ފައިސާ އަކީ ތަރައްގީގެ ކަންކަމަށް ކައުންސިލްތަކަށް ބޭނުން ކުރެވޭނެ ފައިސާ ކަމަށެވެ.
ޝައުނާ ވިދާޅުވި ގޮތުގައި އައްޑު އާއި ފުވައްމުލަކުގައި ހުރި ގުދުރަތީގެ ވެށީގެ ހާއްސަ ތަންތަނާ ގުޅޭ މެނޭޖްމަންޓް ޕްލޭނެއް ހެދުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ. އެހެންވެ ކުރިއަށް އޮތް ތަނުގައި އެތަންތަނުގެ ބޭނުން މިހާރަށް ވުރެ ފުރިހަމަކޮށް ބެލެހެއްޓި، އެތަންތަނަކީ އިގުތިސާދީ ގޮތުން މަންފާ ލިބޭ މުހިއްމު ތަންތަނަށް ވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.
އައްޑު އާއި ފުވައްމުލަކީ ގުދުރަތީ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ހިތްގައިމު ކުޅިތަކެއް ހުރި ތަންތަނެވެ. އަދި އެތަންތަނަކީ ހިމާޔަތްކޮށްފައިވާ ތަނެކެވެ. އެގޮތުން އައްޑޫގެ އީދިގަލި ކުޅިއާ އެކު އައްޑޫ ނޭޗާ ޕާކަކީ އައްޑޫގެ ގުދުރަތީގެ ވެށީގެ ތެރެއިން މިހާރު އެންމެ ބޮޑަށް ސަމާލުކަންދެވޭ އެއް ތަނެވެ.