Last Updated: December 22, 16:34
Sunday, December 22, 2024
ޚަބަރު އެމްޑީޕީ

ވަގު ގޮފީގެ ވާހަކައާ އެކީ ކޮންގްރެސް ހޫނުވެއްޖެ

ފޮޓޯ: އެމްޑީޕީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ކޮންގްރެސްގައި ގޮފިތަކުގެ ފަރާތުން މަންދޫބުން ބައިވެރިވެފައިވާ ގޮތާ ގުޅޭގޮތުން ވާހަކަ ދެކެވެމުން ކޮންގްރެސް ހޫނުވެއްޖެއެވެ.

އެމްޑީޕީ ކޮންގްރެސްގައި އެ ޕާޓީގެ އަސާސީގަވައިދަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން މަޝްވަރާ ކުރަމުން އަންނައިރު، އޭގެތެރެއިން އެއް އިސްލާހުގެ ގޮތުގައި އޮތީ ކޮންގްރެސްމަނުންގެ ގޮތުގައި ގޮފިތަކުން ބައިވެރިވާނެ ފަރާތްތަކާގުޅޭ އިސްލާހެވެ. އެގޮތުން ހުށަހަޅާފައިވާ އިސްލާހަކީ ގޮފިތަކުގެ ރައީސުންގެ ބަދަލުގައި ދާއިރާތަކުގެ މެދުގައި ކޮންގްރެސްމަނެއް އިންތިހާބުކޮށްގެން ބައިވެރިވެވޭގޮތަށް އިސްލާހު ކުރުމަށެވެ.

އެ އިސްލާހާ ގުޅޭގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވާހަކަ ދައްކަވަމުން ވިދާޅުވީ، އެ އިސްލާހު އެގޮތަށް ހުށަހަޅާފައިވަނީ ގޮފިތައް ރަނގަަޅަށް ހިނގަމުން ނުދާތީ ކަމަށެވެ. އަދި ކޮންގްރެސްއާ ގާތްވުމުން ގޮފިތައް އުފައްދާކަން ފާހަގަކުރެއްވިއެވެ.

މި އިސްލާހާމެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަންބޮޑުވުންފާޅުކުރައްވާ، ގޮފިތަކުގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތަކާމެދު ވިސްނުމަށް އެދިވަޑައިގަތެވެ.

އެމްޑީޕީގެ ނައިބު ރައިސް މުހައްމަދު ޝިފާޒު މި އިސްލާހާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަނި އިސްލާހަށް ތާއީދުކުރައްވާފައެވެ. އަދި މިހާރު ކުރިއަށްދާ ކޮންގްރެސްއަށް ގޮފިތަކުން ވަޑައިގެންތިއްބެވި ބޭފުޅުން ވަޑައިގެން ތިއްބެވީ ގޮފީ ގަވައިދާ އެއްގޮތަށްތޯ އަމިއްލަ ނަފުސާ ސުވާލު ސުވާލު ކުރުމަށް އެދިވަޑައިގަތެވެ.

ޝިފާޒުގެ މިވާހަކައަށް މަރަދޫ ދާއިރާ ދާއިރާގެ އިބްރާހިމް ޝަރީފް ރައްދު ދެއްވާ، ޝީފާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައިވެއެވެ. އަދި ޝިފާޒުގެ ވާހަކައަކީ ގޮފިތަކުގެ އަގު ވައްޓާލުމަށް ދެއްކި ވާހަކައެއްގެ ގޮތުގައި ސިފަކޮށް ޝަރީފް ވަނީ އެކަމާ ގުޅިގެން ޕާޓީގެ ލީޑަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ދައްކަވާ ވާހަކައަށް އިޖުތިޖާޖު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ޝަރީފްގެ ވާހަކަތަކާ ގުޅިގެން ރައީސް ނަޝީދު ވާހަކަ ދައްކަވަމުންވަނީ، ކޮންގްރެސްއަށް ގަވައިދާ ހިލާފަށް ގޮފިތަކެއް ހަދައިގެން ވަދެ ބަޔަކު ތިބިކަން އެންމެންނަށް ވެސް އެނގޭކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝިދު މިހެންވިދާޅުވުމުން ކޮންގްރެސްގައިތިބި ބައެއް މީހުންވަނީ އަޑުގަދަކޮށް ނުރުހުން ފާޅުކޮށްފައެވެ. އެހެންނަމަވެސް ރައީސް ނަޝީދު ވާހަކަދައްކަވަމުން ވަނީ ހުށަހަޅާފައިވާ އިސްލާހާމެދު އެންމެންގެ ހިޔާލު އެއްގޮތްކުރުމަށް ލަފާއަރުވާފައެވެ. އެގޮތުން މިހާރު ހުށަހަޅާފައިވާ އިސްލާހާއި ގޮފިތަކުގެ ހިއްސާ އޮންނާނެ ގޮތެއް ހޯދުމަށް އެދިވަޑައިގަތެވެ.

ވަގު ގޮފީގެ ވާހަކައާއެކު ކޮންގްރެސް ކުޑަވަގުތުކޮޅަލަށް ހޫނުވެ ރައީސް ނަޝީދުގެ ވާހަކައާ ދެކޮޅަށް ބައެއް މީހުން އަޑުގަދަ ކުރިއިރު، އެމަނިކުފާނު ހުށަހަޅާފައިވާ ވެރިކަމުގެ ނިޒާމާ ގުޅޭ ބަހުސް އޮތީ މިއަދު މެންދުރުއެވެ.