ހަކުރު ބަލި ކޮންޓްރޯލް ކުރުމަށް ކެއިން ބުއިމަށް ބަދަލު ގެނައުމާއި ހަށިގަނޑުގެ ބަރުދަން ކޮންޓްރޯކޮށް ނިސްބަތުން ހަމާގައި ބެހެއްޓުން މުހިންމެވެ.
އެގޮތުން ހެލިފެލިވެ އުޅުމާއި ދުޅަހެޔޮ އާދަތަކާ އެކު ދިރިއުޅެން އާދަ ކުރަން ޖެހެ އެވެ.
ކަޅު ސަޔަކީ ގިނަ ބަޔަކަށް ވަރަށް މަގުބޫލް ބުއިމެކެވެ. ހާއްސަކޮށް ދިވެހިންނަމީ ކަޅު ސަޔަށް ހާއްސަ ލޯތްބެއް ޖެހިފައިވާ ބައެކެވެ.
އެކަމަކު ކަޅު ސައިން ފައިދާއެއް ކުރާނީ ވަކި ހަމައެއްގައި ތިބެ ވަކި އާދައަކުން ބޯ ނަމަ ކަމަށް ޑައިޓީޝަނުން ވެސް ބުނެ އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ކަޅު ސަޔަކީ ގުލްކޯޒް ހަޖަމުކުރުމަށް ބާރު ފޯރުވާ ބުއިމެކެވެ.
ޑެއިލީ މެއިލްގައިވާ ރިޕޯޓެއްގައިވާ ބުނި ގޮތުގައި ކަޅު ސައިގައި ހުންނަ ޕޮލިފެނޮލްސްގެ ސަބަބުން ހަށިގަނޑުން ގުލްކޯޒް ބަލައިގަންނަ ގޮތް ބަދަލުކޮށްލަ އެވެ.
އެ ގޮތުގައި ގުލްކޯޒް ހަޖަމްކުރުމަށް ނުފޫޒު ފޯރުވައި އޭގެ ނުބައި އަސަރު ކަނޑުވާލަ އެވެ.
އެކަމަކު ކަޅު ސަޔަކީ ފުރިހަމަ ފަރުވާއެއް ނޫނެވެ.
އެހެން ނަމަވެސް ކަސްރަތު ކުރުމާއި ކެއިން ބުއިމުގައި ރީތި އާދަތައް ގެންގުޅޭ މީހުންނަށް ކަޅު ސައިގައި ފައިދާތަކެއް ހުރި ކަމަށް ދިރާސާތަކުން ވަނީ ކަށަވަރުވެފަ ވެ.