ޖަލުތަކުގައި ކުރެވުނު ހުރިހާ މަސައްކަތްތަކެއްގެ ތެރެއިން އެންމެ އުފާ ކުރައްވަނީ ޖަލުގައި ޤައިދީންނަށް އަނިޔާކުރުމުގެ ޘަޤާފަތާއި ފަލްސަފާ މާޒީގެ ސަފްހާތަކުގެ ތެރެއަށް ލެވުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕްރިޒަން ބޭސްޑް ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމްގެ ފުރަތަމަ ބެޗު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އިމްރާން ވިދާޅުވީ މި ސަރުކާރު އައީ ޖަލުތައް ރިފޯމް ކުރުމުގެ އެޖެންޑާ ހިފައިގެންކަމަށާއި، އެ މަގަށް ވަރަށް ގިނަ މަސއްކަތް ކުރެވިއްޖެ ކަމަށެވެ. އަދި މިއަދު މިއާދެވުނީ އޭގެތެރެއިން އެންމެ މުހިއްމު އެއް މަސައްކަތެއްގެ ނަތީޖާއާ ހަމައަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިއަދު ޖަލުތަކުގައި ކުރެވުނު ހުރިހާ މަސައްކަތްތަކެއްގެ ތެރެއިން އަޅުގަނޑު އެންމެ އުފާކުރާކަމަކީ ޖަލުގައި ޤައިދީންނަށް އަނިޔާކުރުމުގެ ޘަޤާފަތާއި، ފަލްސަފާ މާޒީގެ ސަފްހާތަކަށްލާ، ޖަލަކީ އޯގާވެރިކަމާއެކު އަޅާލާ ތަނަކަށް ބަދަލުވެގެން ދިއުން. މިއަދު މިތިބީ އެނަތީޖާއާ ހަމައަށް އަޅުގަނޑުމެންނަށް އާދެވިފަ. އެކަމަށްޓަކައި އަޅުގަނޑުމެން އުފާކުރަން." މިނިސްޓަރު ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ ހާލަތަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ވިދާޅުވީ އެ ވަބާއަކީ ބައިޤަރުނެއްހާ ދުވަސްވީ ވަބާއެއްކަމަށާއި, މަސްތުވާތަކެތީގެ ވަބާ ބޮޑުވެ މުޖުތަމައުގެ ހުރިހާ އާއިލާތަކުގެ ތެރެއަށް ފެތުރި އެކަމާމެދު ހިތާމަ ނުކުރާ އާއިލާއެއް ނެތް ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ. މިކަމުން އަރައިގަތުމަށް ވަރަށް ބުރަ ވަރަށް ގިނަ މަސައްކަތްތައް ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ތެރެއިން މުޅި މުޖުތަމައުގެ ތެރެއިން, ހުރިހާ ރައްޔިތުންގެ ތެރެއިން ކުރަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.
އިމްރާން ވިދާޅުވީ އަމާޒަކީ ޖަލަށް ވަންނަ ކޮންމެ ޤައިދީއަކު ރިހިބިލިޓޭޓްވެގެން ނިކުތުން ކަމަށެވެ. އަދި ޖަލަކީ ކޮންމެ މީހަކާ ގުޅޭގޮތުން ރިހިބިލިޓޭޝަން ޕްރޮގްރާމްހެދި، ރިހިބިލިޓޭޓް ކުރެވިގެން ނިކުންނާނެ ތަނަކަށް ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން އިމްރާން ވަނީ މި ޕްރޮގްރާމް ފުރިހަމަކުރި އެއްވެސް ފަރާތެއް، ޤައިދީއެއްގެ ގޮތުގައި ޖަލުގެ ހަތަރު ފާރުގެ ތެރެއިން ފެންނަން އެދިވަޑައިނުގަންނަވާ ކަމަށާއި އެކަން ނުކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.