Last Updated: September 22, 05:54
Sunday, September 22, 2024
ޚަބަރު

ފުނަދޫ އިންޖީނުގެ ހިންގުން ފެނަކަ އަށް

ށ.ފުނަދޫ އިންޖީނުގެ ހިންގުން ފެނަކައާ މިއަދު ހަވާލުކޮށްފި އެވެ.

ފުނަދޫ އިންޖީނުގެ ފާއިތުވި 36 އަހަރު ހިންގަމުން އައީ އެ ރަށު ރައްޔިތުންނެވެ.

އިންޖީނުގެ ޙަވާލުކުރުމަށް ފުނަދޫގެ ރައްޔިތުންގެ ބައިވެރިވުމާއެކު އެރަށުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ އެވެ. މި ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ފެނަކަ އިން ބުނީ މިއީ ރަށްރަށުގައި ފެނަކައިން ދެމުންދާ ޒަމާނީ ދެމެހެއްޓެނިވި ފުރިހަމަ ޚިދުމަތްތަކުން ލިބުނު އިތުބާރުގެ މައްޗަށް ފުނަދޫ ރައްޔިތުން ނިންމި ނިންމުމެއް ކަމަށެވެ.

އެގޮތުން ށ.އަތޮޅުގެ އެހެން ހުރިހާ ރަށްތަކެއް ފަދައިން ފުނަދޫގެ ކަރަންޓުގެ ޚިދުމަތުގެ އިންޤިލާބީ ބަދަލު ފެނަކައިން މިހާރު ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. މިގޮތުން ފުނަދޫއަށް ބޭނުންވާ ފުރިހަމަ ކަރަންޓު މެދުނުކެނޑި ދިނުމަށް ބޭނުންވާ 600 އަދި 800 ކިލޯވޮޓްގެ މުޅިން އާ ދެ ޖެނެރޭޓަރު މިހާރު އެ ރަށަށް ގެންދެވި އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފެނަކަ އިން ބުނެ އެވެ.