މޫސުން ގޯސްވުމުގެ ސަބަބުން ވިލިމާލެ ފަރަަށް އެރި ބްރިޖް ފްލެޓްމޯމް އަދި ނުނެގޭ ކަމަށް އެ މަސައްކަތްކުރާ އިންޑިއާގެ ކުންފުނި އެފްކޮންސް އިން ބުނެފި އެވެ.
ތިލަމާލޭ ބްރިޖްގެ މަސައްކަތްކުރަމުން ދަނިކޮށް އޭގެ ޕްލެޓްފޯމެއް ފަރަށް އެރީ މި މަހުގެ މެދުތެރޭގަ އެވެ. އެފްކޮންސް އިން މިދިޔަ އަންގާރަ ދުވަހު ބުނީ ދެ ދުވަހެއްގެ ތެރޭގައި ފްލެޓްފޯމް ނަގާނެ ކަމަށެވެ. އެކަމަކު މިހާރު އެ ކުންފުނިން ބުނެފައި ވަނީ މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން އެ މަސައްކަތަށް ހުރަސް އެޅި ޕްލެޓްފޯމް އަދި ނެގިފައި ނުވާ ކަމަށެވެ.
މިކަމާ ގުޅިގެން އެފްކޮންސް އިން ނެރުނު ބަޔާނެއްގައި ބުނީ މަސައްކަތް ކުރިއަށް ނުގެންދެވި މި ވަގުތު ހުއްޓާލަން ޖެހުނު އިރު ފާއިތުވި ދެ ދުވަހުގެ ތެރޭގައި ފްލެޓްފޯމް ނަގަން މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އަދި މޫސުން ރަނގަޅުވިހާ އަވަހަށް އެ މަސައްކަތްކޮށް ނިންމައިލަން ތައްޔާރަށް ތިބި ކަމަށް ވެސް ބުންޏެވެ.
ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް ޕްލޭނިން މިނިސްޓްރީ އާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަދި އެފްކޮންސް ގުޅިގެން، އެ ތަންތަނުގެ އިސްވެރިންނާ އެކު ވަނީ މަޝްވަރާ ވެސް ކޮށްފައިވެ އެވެ.
އީޕީއޭ އިން ބުނީ ޕްލެޓްފޯމް ނެގުމުން ވިލިމާލެ ފަރަށް ލިބިފައިވާ ގެއްލުން ބަލަން އެސަސްމަންޓެއް ހަދާނެ ކަމަށެވެ.