ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން ސްކޭން ކުރެވޭ ކަމަށާއި ނަަމަވެސް "ވަރަށް ހާއްސަ ހާލަތެއްގައި ހަދަން ޖެހޭ ސްކޭނެއް" ހަދަން ޖެހިއްޖެ ހާލަތެެއްގައި މަރަދޫފޭދޫގައި ހުންނަ އެފްއެންޑްސީ ކްލިނިކުން ސްކޭން ހެދުމަށް ރިކޮމެންޑް ކުރާ ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި މެނޭޖަރު ހަދީޖާ ހަފުސާ (ހައްޖަ) މިއަދު ވިދާޅުވީ ހޮސްޕިޓަލުގައި ފެންވަރު ރަނގަޅު ސްކޭން މެޝިނެއް ހުރި ނަމަވެސް، ސްކޭނަށް ހާއްސަ ސްޕެޝަލިސްޓަކު ނެތް ކަމަށެވެ.
"އެހެންވެ ގައިނީ ސްކޭން ކުރަނީ. އެގޮތުން މާބަނޑު އަންހެނުން އާންމުކޮށް ހަދަން ޖެހޭ ސްކޭންތައް މި ތަނުން ހެދޭނެ. އެކަމަކު ވަރަަށް ހާއްސަ ހާލަތެއްގައި ސްކޭނެއް ހަދަން ޖެހިއްޖެ ހާލަތެއްގައި އެފްއެންޑްސީ އަށް ރެކޮމަންޑް ކުރޭ މި ތަނުން. އެއީ އެތަނުގައި އެކަމަށް ހާއްސަ ސްޕެޝަލިސްޓުން ތިބޭތީ،" ހައްޖަ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ހޮސްޕިޓަލްގައި ސްކޭނަށް ހާއްސަ މީހަކު ނެތުމުން، އެކަން ހެލްތު މިނިސްޓްރީގެ ސަމާލު ކަމަށް ވެސް ގެނެސްފައި ވާނެ ކަމަށެވެ.
އަދި އެޗްއާރްއެޗަކީ ތާޝަރީ ފެންވަރަށް ހިދުމަތްދޭ ތަނަަކަށް ހަދަން މިނިސްޓްރީން މަސައްކަތް ކުރާ އިރު، ސްކޭނިން އިން ހާއްސަ މީހަކު އެތަނުގައި ހުންނަން ޖެހޭ ކަމަށް ވެސް ހައްޖަ ވިދާޅުވި އެވެ.
ސްކޭން މައްސަލާގައި ވާހަކަ ދެއްކި ބައެއް މީހުން ބުނީ ޓެކްސިއަކަށް ބޮޑު އަގު ދީފައި، ހޮސްޕިޓަަލަށް ދިއުމުން ސްކޭން ނެހެދިގެން މަރަދޫފޭދު އަށް ދާން ޖެހުމަކީ އާދައިގެ ރައްޔިތުންނަށް ކުޅަދާނަ ވާ ވަރުގެ ކަމަކަށް ނުވާނެ ކަމަށެވެ.
އެހެންވެ ހޮސްޕިޓަލުން މި ކަމަށް އަވަސް ހައްލެއް ގެންނަ ގިނަ ބަޔަކު ތިބީ އެދިއެދި އެވެ.