ރިސޯޓެއް ތަރައްގީ ކުރަން ނިންމާފައިވާ ސ. އިސްމެހެލާހެރަަަ ވަކި ސަބަބެއް އެންގުމަކާ ނުލައި އައްޑޫ ސިޓީ ކައުންސިލާ ހަވާލުކޮށްފި އެވެ.
މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ މީދޫ ކައިރީ އޮންނަ އިސްމެހެލާހެރަ އަށް ދެ އިންވެސްޓަރަކު ޝައުގުވެރިކަން ފާޅުކޮށްފައި އެ ރަށް ކައުންސިލާ ހަވާލު ކުރި ސަބަބެއް ސާފު ނޫން ކަމަށެވެ.
އިސްމެހެލާހެރަ ކައުންސިލާ ހަވާލު ކުރިކަން މި މަހުގެ ކުރީކޮޅު ސިޓިއަކުން ފިޝަރީޒް މިނިސްޓްރީން ވަނީ ސިޓީ ކައުންސިލަށް އަންގާފަ އެވެ.
ސޯބެ ވިދާޅުވީ އެ ސިޓީ ލިބުމާއި ގުޅިގެން ނުރަސްމީކޮށް އެކަން ބަލައިގެންފައިވާ ކަމަށެވެ. އެކަމަކު ފިޝަރީޒް މިނިސްޓްރީގެ ބޭފުޅަކާ ގުޅޭ ގޮތެއް ނުވުމުން ބަޔަކު އިންވެސްޓް ކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ރަށެއް ހަވާލު ކުރި ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފިޝަރީޒް މިނިސްޓްރީން އައްޑޫގައި ހުރި ފަޅު ރަށްތައް ކަނޑައަޅައި ކައުންސިލާ ހަވާލު ކުރި ރަށްތަކުގެ ތެރޭގައި އިސްމެހެލާހެރަ ވެސް ހިމެނޭ ކަމަށެވެ.
ޖެނުއަރީ 14، 2014 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންްސެއްގައި އި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ވިދާޅުވެފައި ވަނީ އިސްމެހެލާހެރަ އަށް ވަރުގަދަ ދެ އިންވެސްޓަރަކު ކުރިމަތިލާފައިވާ ކަމަށެވެ.
އަދި އެ ރަށް ބޮޑު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ސަރުކާރުން ބޭނުން ވަނީ އެރަށަކީ އައްޑޫގެ ތަރައްގީގެ ޕްލޭނާއި ވަރަށް ބޮޑަށް ގުޅިފައިވާ ރަށަކަށްވާތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
އިސްމެހެލާހެރައިގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމުގެ ވާހަކައަކީ 2009 އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ތެރޭގައި، ހުޅުމީދޫ ދާއިރާ މިހާރު ތަމްސީލް ކުރައްވާ އަދި ހުޅުދޫ ދާއިރާ ގޮނޑި މި ފަހަރު ގެއްލިވަޑައިގަތް އިލްޔާސް ލަބީބުގެ ކެމްްޕޭން ވައުދެކެވެ.