ހާއްސަކޮށް އެކްޓިންގެ ތެރޭގައި އުޅޭ މީހަކަށްވާތީ ރީތި ހަށިގަނޑެއް އަބަދު ވެސް ވަރަށް މުހިއްމު ކަމަށާއި އިންޑަސްޓްރީގައި މިހާރު ކުރިއަށް ދެވެން އޮތީ ވެސް އެކަމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ކަމަށް މަޝްހޫރު ޓީވީ އެކްޓަރު މުހައްމަދު ނާޒިމް ބުނެފި އެވެ.
ސްޓާ ޕްލަސްގެ "ސާތު ނިބާނާ ސާތިއާ" އާއި ކަލާޒްގެ "ބަހޫ ބޭގަމް" ފަދަ ސިލްސިލާތައް ކުޅެފައިވާ 38 އަހަރުގެ އެކްޓަރު ބޮލީވުޑް ހަންގާމާ އަށް ބުނި އިންޑިއާގެ އެންޓަޓައިންމަންޓް އިންޑަސްޓްރީ އަށް މިހާރު ބަލާ އިރު ގިނަ މީހުންނަކީ ސިއްހަތަށް ވަރަށް ބަލައިގެން އުޅޭ މީހުން ކަމަށެވެ. އެގޮތުން ކަސްރަތުކުރުމާއި ދުޅަހެޔޮ ޑައިޓް ގެންގުޅުމަކީ ކޮންމެ މީހަކަށް ވެސް މުހިއްމު ކަމެއް ކަމަށް ބުންޏެވެ.
"ހާއްސަކޮށް މި އިންޑަސްޓްރީގައި އުޅޭ މީހުންނަށް ރީތި ފިޒިކެއް ވަރަށް މުހިއްމު. އެއީ ދެ ޖިންސްގެ މީހުންނަށް ބެލިޔަސް ވެސް،" ނާޒިމް ބުންޏެވެ. "އަނެއްކާ މިހާރު އިންޑަސްޓްރީން ވަރަށް ނުފެންނާނެ ފިޓް ނޫން މީހަކު. އެންމެންނަކީ ވެސް ސިއްހަތަށް ވަރަށް ބަލައިގެން އަދި ރީތި ހަށިގަނޑެއް ދަމަހައްޓަން މަސައްކަތްކުރާ ބައެއް. އެހެންވެ ކަސްރަތަކީ ވަރަށް މުހިއްމު ކަމެއް."
އޭނަ ބުނި ގޮތުގައި މިހާރު އެކަން ކުރުމަކީ އުނދަގޫ ކަމެއް ވެސް ނޫނެވެ. ސަބަބަކީ މިހާރު ޖިމްތައް ވެސް ގިނަވުމާއި ޓްރެއިނަރުން ވެސް ހޯދަން ވެސް ފަސޭހަވުމެވެ.
"އަހަރެން ހަށިގަނޑަށް ބަލައިގެން އުޅެނީ ކޮންމެހެން ވަކި މީހަކަށްޓަަކައެއް ނޫން. މިއީ ހަގީގަތުގައި މީހާގެ އަމިއްލަ ކަމެއް. ކޮންމެ މީހަކު ވެސް ބޭނުން ވާނެ ރީތިކޮށް ހުންނަން،" ނާޒިމް ބުންޏެވެ. "މިހާރު ފިޓްނެސް އަކީ އެއާނުލައި އަހަންނަށް ނޫޅެވޭނެ ކަމެއް. އަދި އަބަދު ވެސް ހެލްތީ ޑައިޓްތައް ފޮލޯކުރުމަކީ އަހަރެން ކުރާ ކަމެއް. މީގައި އެންމެ މުހިއްމު މި ކަމަކީ މިކަމުގައި ދެމިހުރެ، އަބަދު ވެސް ހަށިގަނޑު ރީތިކޮށް ބަހައްޓަން މަސައްކަތްކުރުން. ކޮންމެހެން ވަކި މީހަކަށް ވާން މަސައްކަތްކުރާކަށް ނުޖެހޭ."
ނާޒިމް ބުނި ގޮތުގައި ދުޅަހެޔޮ ލައިފްސްޓައިލެއް ކޮންމެ މީހަކަށް ވެސް ބޭނުންވާ ވަރަށް މުހިއްމު އެހެން ސަބަބެއް ވެސް އެބައޮތެވެ.
"މި ޒަމާނަކީ ފާޑުފާޑުގެ ބަލިތައް ވެސްއް ވަށް ވަރަށް ގިނަ، އާންމު ޒަމާނެއް. އެެހެންވީމަ ބަލިތަކުން ދިފާއުވާން ވެސް ފިޓްނެސް އަކީ ވަރަށް ބޭނުންތެރި ކަމެއް." އޭނާ ބުންޏެވެ.
ނާޒިމް އެންމެ ފަހުން ފެނިފައި ސްޓާ ބާރަތު އިން ޖޫންގައި ނިންމައިލި ސިލްސިލާ "ތޭރާ މޭރާ ސާތު ރަހޭ" އެވެ. އޭނަ ކުޅުނު އިތުރު ސިލްސިލާތަކުގެ ތެރޭގައި "ރޫޕް: މަރުދު ކާ ނަޔާ ސުވަރޫޕް"، "އުޅާން"، "ލާލް އިޝްގް" އަދި "ކުންދަލީ ބަގިއާ" ހިމެނެ އެވެ.