އައްޑޫގައި މަސްތުވާތަކެތި ގެންގުޅުނު ހިތަދޫ މީހަކު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ހިތަދޫ ޒުރާ، ހަސަން އިބްރާހިމްދީދީގެ މައްޗަށް އެ ހުކުމް އިއްޔެ އިއްވާފައި ވަނީ އޭނާ ގެންގުޅުނު މަސްތުވާތަކެތި ހިތަދޫ ބޯޅަދަނޑު ސަރަހައްދުގައި ހުރި ގަހެއްގެ ދަށުގައި ވަޅުލާފައި ހުއްޓައި ފެނިގެންނެވެ. އަދި އެ ތަކެތި ތަހުލީލު ކުރި އިރު އޭގެ ބަރުދަނުގައި 15 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތި ހުއްޓެވެ.
އެ ތަކެތި ވަޅުލާފައި ހުރިތަން ފުލުހުންނަށް ދެއްކީ ވެސް ހަސަނެވެ. އަދި އެ މަސްތުވާތަކެއްޗަކީ އޭނާ ބޭނުން ކުރުމަށް ރައްކާކޮށްފައި ހުރި ތަކެތި ކަމަށް ބުނެ ހަސަން ވަނީ ކޯޓުގައި ކުށަށް އިއުތިރާފް ވެފަ އެވެ.
އެއީ ބޭނުން ކުރުމަށްޓަކައި ގަނެފައިވާ ތަކެތި ކަމަށް ހަސަން ބުނި ނަމަވެސް އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމް އައީ މަސްތުވާތަކެތި ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓި ކަމަށް ޝަރީއަތަށް ފެނިގެންނެވެ.
ހަސަނުގެ މައްޗަށް އަދަބު ކަނޑައެޅީ މަސްތުވާތަކެތީގެ ކުރީގެ ގާނޫނުގެ ދަށުންނެވެ.
އެ ގާނޫނު ބުނާ ގޮތުން އެއް ގްރާމަށް ވުރެ އިތުރަށް، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރެއްޖެ ނަމަ އެއީ އެ ތަކެތި ވިޔަފާރި ކުރުމަށް ގެންގުޅުނީ ކަމަށް ބެލެވޭނެ އެވެ.