ދުނިޔޭގައި މިހާރު ތިން ވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމު ފުރަތަމަ ފަހަރަށް އޭޝިއާގެ މީހަކަށް ލިބިއްޖެ އެވެ.
ބްލޫމްބާގް ބިލިއަނާސް އިންޑެކްސް އިން ދައްކާ ގޮތުގައި މިހާރު ތިން ވަނަ އަށް އެންމެ މުއްސަނދި މީހަކީ ޖަވާހިރާއި ކަޅުދެލީގެ ވިޔަފާރިކުރާ އިންޑިއާގެ މަޝްހޫރު ކުންފުނީ އަދާނީ ގްރޫޕްގެ ވެރިޔާ ގޯތަމް އަދާނީ އެވެ. އޭނަގެ އަމިއްލަ މިލްކިއްޔާތު މިހާރު 137.4 ބިލިއަން ޑޮލަރަށް އަރަ އެވެ.
ތިން ވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމު 60 އަހަރުގެ އަދާނީ އަށް ލިބުނީ އެ މަގާމުގައި ކުރިން އޮތް ފްރާންސްގެ މަޝްހޫރު މަހުޖަނު ބާނާޑް އާނޯލްޓް ފަހަތަށް ވައްޓައިލުމަށް ފަހު އެވެ.
Indian tycoon Gautam Adani, a college dropout who first tried his luck as a diamond trader before turning to coal, has become the world’s third-richest person https://t.co/6wrtJJ22Wl via @wealth
— Adhushan (@Adhushan2) August 30, 2022
ކުރިން އޭޝިއާގެ އެއްވެސް މަހުޖަނަކަށް ނުލިބޭ ޝަރަފެއް، އަދާނީ އަށް ތަނަވަސްކަމުގެ ރޭހުގައި ލިބުނު އިރު އޭނަ އަކީ މި ފަހުން ޚައިރާތަށް ވެސް ބޮޑު ހޭދައެއްކުރަމުން އަންނަ މީހެކެވެ.
އެގޮތުން ޖޫން މަހުގެ 24 ގައި ފާހަގަކުރި އޭނަގެ 60 ވަނަ އުފަން ދުވަހާ ދިމާކޮށް ވެސް އިޖުތިމާއީ އެކި ކަންކަމަށް 7.7 ބިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ. އަދާނީ އަކީ އިންޑިއާގެ މަޝްހޫރު މީޑިއާ، އެންޑީޓީވީ ވެސް ގަންނަން ބިޑްކޮށްފައުވާ ވިޔަފާވެރިއެކެވެ.
މިހާރު ދުނިޔޭގެ އެންމެ މުއްސަނދި މީހަކީ އެ މަގާމު 2020 އިން ފެށިގެން ދަހައްޓަމުން އަންނަ ޓެސްލާ އާއި ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކް އެވެ. އޭނަގެ މިލްކިއްޔާތަކީ 251.4 ބިލިއަން ޑޮލަރެވެ. ދެވަނައިގައި އެމެޒޯން ކުންްފުނީގެ ކުރީގެ ސީއީއޯ ޖެފް ބެޒޯސް އޮތީ 153.4 ބިލިއަން ޑޮލަރާ އެކީގަ އެވެ.
މިލްކިއްޔާތުގައި ހުރި 136.0 ބިލިއަން ޑޮލަރާ އެކީ ބާނާޑް މިހާރު ހަތަރު ވަނައިގައި އޮތް އިރު، ފަސް ވަނަ އަކީ ބިލް ގޭޓްސް އެވެ. އޭނަގެ މިލްކިއްޔާތަކީ 117.5 ބިލިއަން ޑޮލަރެވެ.