Last Updated: December 25, 11:10
Wednesday, December 25, 2024
ޚަބަރު

ކުށެއް ނުކުރާ މީހަކު ޖަލަކަށް ނުލަން: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް - ފޮޓޯ: މިހާރު

ކުށެއް ނުކުރާ މީހަކު އެމަނިކުފާނުގެ ވެރިކަމުގައި ޖަލަށްލާފައި ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރޭ "ވީޓީވީ" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން މައުމޫން ވިދާޅުވީ ގާނޫނުގައި ބުނާ ގޮތުގެ މަތީން މީހަކު ޝަރީއަތަށް ހުށަހަޅައިގެން، ކުށް ސާބިތުވެގެން ޖަލަށްލާން ނުވަތަ އަރުވާލަން ހުކުމް ކުރުމުން ޖަލަށްލުމަކީ އަނިޔާއެއް ނޫން ކަމަށާއި އެއީ އަދުލު އިންސާފު ކަމަށެވެ.

"މީހުން ކިޔާނީ މީހަކު ޖަލަށްލައިފިއްޔާ އަނިޔާއޭ. އެއަށް ވުރެ ބޮޑަށް ހޭލުންތެރިވާންޖެހޭނެ. ކުށެއް ނުކުރާ މީހަކު ޖަލަށްލައިފިއްޔާ އެއީ އަނިޔާއެއް. އެކަމަކު ބައްލަވާ ވަކި ކޭސްތައް ވަކިވަކިން." މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ކުށްނުކޮށް ހުރި މީހަކު ޖަލަށް އަދި އަރުވާލާފައި ނުވާނެ ކަމަށާއި އެ ކަންކަން ކުރިއަށް ގޮސްފައި އޮންނާނީ ގަވާއިދުގެ ތެރެއިން ކަމަށެވެ.

"ކޮންމެ މީހަކު ވެސް ކުށެއް ކޮށްފިއްޔާ އެ މައްސަލަ ބަލާ ފަރާތަކުން ބަލާ ތަހުގީގު ކުރާނެ. ދެން ދައުވާކުރާ ފަރާތަށް، އެޓާނީ ޖެނެރަލް ނުވަތަ ޕްރޮސެކިއުޓަރ ޖެނެރަލަށް ހުށަހެޅޭނެ. ހުށަހެޅުނީމަ އެ ބޭފުޅަކު ވެސް ބައްލަވާފައި ޝަރީއަތަށް ފޮނުވާނީ. ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލަ ބަލާފައި ފަނޑިޔާރު ނިންމާނީ ކޮންމެވެސް އެއްގޮތަކަށް. މިގޮތަށް ދާ ކަމެއް ކަމަކީ. އެހެންވީމަ އެއީ އަނިޔާއެކޭ ބުނާނެ ތަނެއް ނެތް ދެއްތޯ." މައުމޫން ވިދާޅުވި އެވެ.

މައުމޫން މިހެން ވިދާޅުވިއިރު އެމަނިކުފާނުގެ ވެރިކަމުގައި ޖަލުގައި އެތައް ބަޔަކަށް އަނިޔާކުރި ކަމުގެ ވާހަކަތައް ސިޔާސީ އެކި ފަރާތްތަކުން މިހާރުވެސް ދައްކަ އެވެ. ނަމަވެސް އެ ވާހަކަތައް މައުމޫން އަބަދުވެސް ދޮގުކުރައްވަ އެވެ.