މިހާރު އެންމެން ވެސް ދައްކަނީ ވަގުތެއް ނޯންނަ ވާހަކަ އެވެ. މަސައްކަތްތަކުގައި ބިޒީކަމުން އަމިއްލަ ސިއްހަތަށްޓަކައި ކަސްރަތުކޮށްލާނެ ވަގުތުކޮޅެއް ވެސް ނުލިބޭ ވާހަކަ އެވެ. ސުވާލަކީ އެކަން ބަހަނާއަކަށް ފުދޭނެތޯ އެވެ؟ ދުޅަހެކޮށް ހުރުމަށްޓަކައި ކަސްރަތު ވަރަށް މުހިއްމެވެ. ޑޮކްޓަރުންނާއި ސިއްހީ ތަޖުރިބާކާރުން އަބަދު ވެސް ދޭ އިރުޝާދަކީ އެއީ އެވެ.
އެކަމަކު ވަގުތު ނެތިގެން ކަސްރަތު ނުކުރެވޭ ކަމަށް ބުނާ ނަމަ ދެ މިނިޓްގެ ހިނގާލުމަކީ ވެސް ބޮޑުވަރެކެވެ. ޖާނަލް ސްޕޯޓްސް މެޑިސިންގައިި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނީ މަދުވެގެން 2 ނުވަތަ 5 ވަރަކަށް މިނިޓް ހިނގާލުމަކީ ވެސް ސިއްހަތަށް އެތައް ފައިދާއެއް ކުރާ ކަމެއް ކަމަށެވެ. އެގޮތުން ކާލައިގެން މަދުވެގެން 2-5 މިނިޓަށް ހިނގާލައިފި ނަމަ އޭގެ ސަބަބުން ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު ދަށްކޮށްދޭން އެހީވެ އެވެ.
އަޔަލޭންޑްގެ ލިމަރިކް ޔުނިވަސިޓީގެ ޓީމަކުން ހަދާފައިވާ ދިރާސާއެއްގައި ބުނާ ގޮތުގައި ކާލައިގެން އޮށޯތުން ނުވަތަ އިށީނދެގެން އިނުމަކީ ރައްކާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ކުރަން އެންމެ ރަނގަޅު ކަމަކީ ވަގުތުކޮޅަށް ހެލިފެލިވެލިމެވެ. އެގޮތުން ކާލައިގެން ދުވާލަކު 2-5 މިނިޓަށް ހިނގާލުމަކީ ބުރަ ކަމަކަށް ވެސް ނުވާނެ އެވެ.
ދިރާސާގައި ބުނެފައިވާ ގޮތުގައި ކާލައިގެން އާންމުކޮށް ވެސް އެ މީހަކު ހިނގާ ސްޕީޑްގައި 2-5 މިނިޓަށް ހިނގާލުމަކީ މީހާގެ ލޭގައި ހަކުރު އެކުލެވޭ މިންވަރު އެވްރެޖްކޮށް 9.51 ޕަސެންޓަށް ދަަށްކޮށްދޭނެ ކަމެކެވެ. އަދި ތަންކޮޅެއް ބޭރަށް ހަމަ އެހާ ވަރުގެ ކޮޅަކަށް ހިނގާލައިފި ނަމަ އެ ނިސްބަތް 17.01 ޕަސެންޓަށް އިތުރުކޮށްދެ އެވެ.
"އެހެންވެ މިއީ ހަށިގަނޑު ގުލްކޯޒް ލެވެލް ބެލެންސްކުރުމަށްޓަކައި ގެންގުޅުން ވަރަށް މުހިއްމު އާދައެއް." ދިރާސާ ޓީމްގައި އިސްކޮށް މަސައްކަތްކުރެއްވި ލިމަރިކް ޔުނިވަސިޓީގެ ފިޒިކަލް އެޑިކޭޝަން އެންޑް ސްޕޯޓް ސައިންސެސް ޑިޕާޓްމަންޓްގެ އައިޑަން ބަފީ ވިދާޅުވި އެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ލޭގައި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލްކޮށް ބެލެންސްކުރުމަކީ ގިނަ ސިއްހީ މައްސަލަތަކުން ވެސް މީހާ ރައްކާތެރިކޮށްދޭނެ ކަމެކެވެ. އޭގެ ތެރޭގައި ހަކުރުބައްޔާއި ހިތުގެ ބަލިތަކާއި ލޭމަތިވުމާއި ސްޓްރޯކް ޖެހުމާއި ކެންސަރު ފަދަ ކަންކަން ހިމެނެ އެވެ.