Last Updated: April 23, 05:54
Wednesday, April 23, 2025
ޚަބަރު

ގެއްލުން ބަލަން ވިލިމާލެ ފަރުގެ ސާވޭ ފަށައިފި

ތިލަމާލެ ބްރިޖްގެ މަސައްކަތުގެ ތެރެއިން އެކަމަށް ބޭނުން ކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރާފައިވާތީ އެތަނަށް ލިބުނު ގެއްލުން ބަލަން ސާވޭކުރަން ފަށައިފި އެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ ސާވޭގެ މަސައްކަތް ފެށީ މިއަދު ކަމަށާއި ސާވޭ ނިންމަން ދެ ދުވަސްވަރު ނަގާނެ ކަމަށެވެ. ކުރިން މި ސާވޭގެ ފަށަން އޮތީ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް އެކަން އަވަސްކޮށް ސާވޭގެ މަސައްކަތް މިއަދު ހެނދުނު ފަށާފައިވެ އެވެ.

އީޕީއޭ އިން ބުނި ގޮތުގައި މި ސާވޭގައި ބްރިޖްގެ މަސައްކަތްކުރާ އިންޑިއާގެ ކުންފުނި، އެފްކޮންސްގެ ފަންނީ ޓީމެއް ވެސް ބައިވެރިވެ އެވެ.

ވިލިމާލޭ ފަރަށް ލިބުނު ގެއްލުން ބަލަން ސާވޭ ފެށީ ފަރަށް އެރި ޕްލެޓްފޯމްގެ ހުރިހާ ބައިތަކެއް މިދިޔަ އާދީއްތަ ދުވަހު ނަގައި ނިމުމާ ގުޅިގެންނެވެ. ޕްލެޓްފޯމްގެ މައިގަނޑު ފަރުމަތިން ނެގުނީ ފަރަށް އެރިތާ ދެ ހަފުތާއެެއްހާ ދުވަސް ފަހުން މިދިޔަ މަހުގެ 27 ގަ އެވެ. ޕްލެޓްފޯމް ފަރަށް އެރީ މިދިޔަ މަހުގެ 16 ގަ އެވެ.

އީޕީއޭ އިން ބުނި ގޮތުގައި ސާވޭކޮށް ނިންމައި، ފަރަށް ލިބުނު ގެއްލުންތަކަށް ރިއާޔަތްކޮށް އެފްކޮންސް އަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ އެވެ.