ކިންގް ޢަބްދުލް ޢަޒީޒް އިންޓަނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރުއާންގައި ރާއްޖެ ތަމްސީލުކުރާ ދެ ބައިވެރިން އަންނަ ހުކުރު ދުވަހު ފުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މި ފަހަރު އެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރަނީ އަހުމަދު ނަބީހު އަބްދުލް ގާދިރާއި މުހައްމަދު ޔޫޝަޢު ބިން ޒަމްޒަމް އެވެ. މި ބައިވެރިންނާ އެކީ ބެލެނިވެރިން ވެސް ސައުދީ އަށް ދާ ގޮތަށް ހަމަޖެހިފައިވެ އެވެ. މުބާރާތަށް ހޮވުނު ދެ ބައިވެރިންގެ ތެރެއިން ނަބީހަކީ އެޕްރީލް މަހު ޔޫއޭއީގައި ބޭއްވި ދުބާއީ އިންޓަނޭޝަނަލް ޤުރުއާން މުބާރާތުގައި ވެސް، ރާއްޖެ ތަމްސީލުކުރި ހާފިޒެވެ.
މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒާހިރު ޢަލީ، ކިންގްޢަބްދުލް ޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރްއާންގައި ރާއްޖެ ތަމްސީލް ކުރާ 2 ބައިވެރިންނާއި މި ބައިވެރިންގެ ބެލެނިވެރިންނާއި ބައްދަލުކުރައްވައިފި pic.twitter.com/JHo3P9eeGG
— Ministry of Islamic Affairs (@MVIaffairs) September 7, 2022
މައްކާގައި މި މަހުގެ 10-21 އަށް ބާއްވާ "42 ވަނަ ކިންގް ޢަބްދުލް ޢަޒީޒު އިންޓަނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤްރުއާން" މުބާރާތުގެ ރާއްޖޭގެ ބައިވެރިން ފުރަން ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ރެ އެވެ.
އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު ޢަލީ މިއަދު ވަނީ މުބާރާތުގައި ވާދަކުރާ ދެ މި ބައިވެރިންނާއި އެ މީހުންގެ ބައިވެރިންގެ ބެލެނިވެރިންނާ ބައްދަލުކުރައްވާ މަރުޙަބާ ވެސް ވިދާޅުވެފަ އެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލުމުން 6 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅެޅި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މުބާރާތަށް ބައިވެރިން ހޮވީ ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ކުރިއަށް ގެންދިޔަ އޮޑިޝަނަކުންނެވެ. މި އޮޑިޝަން ކުރިއަށް ގެންދިޔައީ ބެލެނިވެރިންގެ ހާޒިރުގައި ފަނޑިޔާރުންގެ ޕެނަލަކުންނެވެ.
މުބާރާތް ނިންމައި ބައިވެރިން އެނބުރި ރާއްޖެ އަންނާނީ މި މަހުގެ 23 ގަ އެވެ.