ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރަންޖެހޭ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
ރ.އުނގޫފާރު އިންޖީނުގެ ފެނަކައާ ހަވާލުކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޝައުނާ ވިދާޅުވީ ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ނޭދެވޭ ކޮންމެ ބަދަލެއްގެ އަސަރު ރާއްޖޭގެ އިޤްތިޞާދަށް ކުރާ ކަމަށާއި އެގޮތުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.
އެގޮތުން ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ޤުދުރަތީ ވަސީލަތްތައް ހޯދައި، އެވަސީލަތްތައް ބޭނުންކުރުމަކީ މުހިއްމު ކަމެއް ކަމަށާއި މިއަމާޒަށް ވާޞިލުވުމަށްޓަކައި ސަރުކާރުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭނުގައި މުހިއްމު ސިޔާސަތުތަކެއް ހިމަނާފައިވާ ކަމަށް ޝައުނާ ވިދާޅުވި އެވެ.
"އެސިޔާސަތުތައް ޙާޞިލުކުރުމަށްޓަކައި ވަނީ ލަނޑުދަނޑިތަކެއް ކަނޑައަޅާފައި. މިގޮތުން 2023 ވަނަ އަހަރު ނިމޭއިރު، 2018 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތަ ރާއްޖޭގައި ޤާއިމުކޮށްފައިވާ އިންސައްތައަށް ވުރެ 20 އިންސައްތަ އިތުރަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ވަނީ ނިންމާފައި." ޝައުނާ ވިދާޅުވި އެވެ.
ޝައުނާ ވިދާޅުވީ މިއަމާޒާއެކު، މަސައްކަތްކުރަމުން ދަނީ ރާއްޖެ އަކީ 2030 ގެ ނިޔަލަށް ނެޓް ޒީރޯ ޤައުމަކަށް ހެދުމަށް ކަމަށެވެ. މިގޮތުން، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 20 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމްތައް ޤާއިމުކުރެވިފައިވާ ކަމަށާއި މިހާރުވެސް 11 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމްތައް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތްކުރަމުންދާ ކަމަށް ޝައުނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ތެލަށް ބަރޯސާވުން ކުޑަކުރުމުގައި އަމިއްލަ ފަރުދުންގެ ޙިއްސާ ބޮޑުކުރުމަށާއި އަމިއްލަފަރުދުންގެ ކަރަންޓުބިލް ކުޑަކުރުމަށް އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ނެޓް މީޓަރިންގ އުސޫލުން ކަރަންޓުގެ ޚިދުމަތް ހޯދޭނެގޮތް ވެސް ފަހިކޮށްދީފައިވާ ކަމަށް ޝައުނާ ވިދާޅުވި އެވެ.