އެއް މިލިއަން ޑޮލަރަށްވާ ފައިސާ ލިބުނު ކަމަށް ޔޫސުފް ނައީމް ބުނި ކަމަށް ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފިއެވެ.
ވ. އާރަށުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލީ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. ޔާމީންގެ އިތުރުން މި މައްސަލާގައި ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައެވެ. އޭނާގެ މައްޗަށް އުފުލީ ރިޝްވަތު ދިން ކަމުގެ ދައުވާއެވެ.
މި މައްސަލައިގައި މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގައި އޮތީ ރައީސް ޔާމީންގެ ދިފާއުގައި ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން ޝާޑު އަކީ މިއަދުގެ އަޑުއެހުމުގައި ހެކިބަސް ނެގި ތިންވަނަ ހެކިވެރިޔާއެވެ.
ހެކިބަސް ދެމުން ޝާހިދު ބުނެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަންނަނީ ގާތް ރައްޓެއްސެއްގެ ގޮތުން ކަމަށާއި، ޔޫސުފް ނައީމަކީވެސް ދަންނަ ރައްޓެއްސެއް ކަމަށެވެ. މީގެއިތުރުން މިމައްސަލައިގައި މިއަދު ހެކިބަސްދިން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލްއަކީ ވެސް ރައްޓެއްސެއް ކަމަށްވެސް ހެކިބަސް ދީފައިވެއެވެ. ޝާހިދު ހެކިބަސްދެމުން ބުނެފައިވަނީ މުހައްމަދު އިސްމާއިލަކީ ޔާމީންގެ އަރިސް ބޭފުޅެއް ކަމަށާއި، ފައިސާގެ އެކި ކަންކަމުގައި ޔާމީން މުހައްމަދު އިސްމާއިލަށް ގުޅުއްވާ ހައްދަވާ ކަމަށެވެ.
ޝާހިދު ބުނެފައިވަނީ މުހައްމަދު އިސްމާއިލާ ދެމީހުން އެކުގައި ތިއްބާ ޔާމީންގެ ފޯނެއް މުހައްމަދު އިސްމާއިލަށް އައި ކަމަށާއި، ޔާމީން އެދުނީ 1 މިލިއަން ޑޮލަރު ވިއްކާނެ މީހަކު ހޯދުމަށް ކަމަށް މުހައްމަދު އިސްމާއިލް ބުނިކަމަށެވެ. އޭގެފަހުން މުހައްމަދު އިސްމާއިލް އެކި ފަރާތްތަކާ ގުޅި ކަމަށާއި، އޭގެތެރޭގައި ޔޫސުފް ނައީމަށްވެސް ގުޅި ކަމަށެވެ. އޭގެފަހުން މުހައްމަދު އިސްމާއިލް ދިމާވެގެން، ޔާމީނަށް ޑޮލަރު ވިއްކާނެ ކަމަށް ޔޫސުފް ނައީމް ބުނި ކަމަށް މުހައްމަދު އިސްމާއިލް ބުނި ކަމަށް ޝާހިދު ހެކިބަސް ދީފައިވެއެވެ. އޭގެ ދުވަސްކޮޅެއްފަހުން ޔޫސުފް ނައީމާ ދިމާވި ކަމަށާއި، ދިމާވެގެން އެ ވާހަކަ އެހުމުން އެ ފައިސާ ލިބުނު ކަމަށް ޔޫސުފް ނައީމް ބުނި ކަމަށް ޝާހިދު ހެކިބަސް ދީފައިވެއެވެ.
މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން ތިން ހެއްކެއްގެ ހެކިބަސް ނަގާފައިވެއެވެ.
އާރަށު މައްސަލައިގެ ތަފްސީލު:
މިމައްސަލައާ ގުޅިގެން މީގެކުރިން ޕީޖީ އޮފީހުން ބުނެފައިވަނީ އަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.
މިމައްސަލައިގައި ހިމެނޭ ޔޫސުފް ނަޢީމްގެ މައްޗަށް އުފުލާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 510 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ދިނުމުގެ ދަޢުވާއެވެ.