އައްޑޫގެ ބަނދަރުތަކުން އައްޑޫ ސިޓީ ކައުންސިލުން ފީ ނަގަން ފެށުމުން، ބޯޓު ފަހަރުތަކުން ގެންނަ މުދަލުގެ އަގުބޮޑުކުރި ވާހަކަ މި ނޫހުގައި ޝާއިއުކުރުމުން އައްޑޫ މޭޔަރު އަލީ ނިޒާރު ވަރަށް ބޮޑަށް ކޯފާ އިސްވެއްޖެ އެވެ.
ނިޒާރު ފޭސްބުކުގައި ލިޔުއްވާފައި ވަނީ މުދަލުގެ އަގުބޮޑުވި ވާހަކަ "އައްޑޫ ލައިވް" އިން ގެނެސްދިނީ ފިތުނަ އުފައްދަން ކަމަށެވެ. އަދި ބަނދަރުތަކުން ފީނެގުމަކީ މުދަލުގެ އަގު ބޮޑު ވެގެން ވާނެ ކަމެއް ނޫން ކަމަށް ވެސް މޭޔަރުގެ ދިގު ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
"އައްޑޫ ގައި ރެޖިސްޓްރީ ކޮށްފައިވާ ބޯޓަކުން ދަތުރަކަށް 500ރ. ވަރު ވެސް ދައްކަން ނުޖެހޭ އިރު މުދަލުގެ އަގު ބޮޑުވެގެން ނުވާނެ." މޭޔަރު ވިދާޅުވި އެވެ.
މޭޔަރުގެ އިތުރުން ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވެސް ވަނީ މުދަލުގެ އަގު ބޮޑުވި ވާހަކާއާ ގުޅިގެން "އައްޑޫ ލައިވް" އަށް ރައްދު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ހަގީގަތާ ޚިލާފަށް ރައްޔިތުންނަށް ނުބައި މައުލޫމާތު ފެތުރުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.
އައްޑު އަށް މުދާ އުފުލާ ގިނަ ބޯޓުތަކުން ވަނީ ކައުންސިލުން ނަގާ ފީ އިންތިހާއަށް ބޮޑު ކަމަށް ބުނެ، މިފަދަ ފީ އެއް ދައްކަން ޖެހޭ ނަމަ ޚަރަދު ފޫބައްދަން ބޯޓުތަކުން ގެންނަ މުދަލުން ނަގާ އަގު ބޮޑު ކުރުން ނޫން އިތުރު ގޮތެއް ނެތް ކަމަށް ބުނެ މި ނޫހަށް މައުލޫމާތު ދީފަ އެވެ.
ޑެޕިއުޓީ މޭޔަރު ޝުއާއު ކުރި ފޭސްބުކް ޕޯސްޓަށް ރައްދު ދެމުން އާންމު ރައްޔިތަކު ވަނީ 36 ގަޑިއިރަށް 9،554ރ. ގެ ބިލެއް ކައުންސިލުން ބަނދަރު ފީގެ ގޮތުގައި ފޮނުވާފައިވާ ކަމަށް ބުނެފައެވެ.
ބަނދަރު މިހާރު އޮތް ހާލަތުން ފީ އެއް ނަގަން ކައުންސިލުން ނިންމި ނިންމުމަށް ވެސް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ.
"ބަނދަރަކަށްވާ ބަނދަރެއް ހެދުމަށް ފަހު ފީނަގާ،" އާއްމުންގެ މީހަކު ބުންޏެވެ.
މީގެ އިތުރުންވެސް ބައެއް ރައްޔިތުން ބުނީ ބަނދަރަކުން ލިބެން ޖެހޭ ހިދްމަރް ނުދީ ބަނދަރަށް ކައިރި ކުރާ ބޯޓުތަކުން ފީ ނެގުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.
އައްޑޫގެ ބަނދަރުތަކުން ފީ ނެގުމާއި ގުޅޭގޮތުން ތިން ފަހަރެއްގެ މަތިން ވަނީ ނިންމުން ނިންމާފައެވެ. އެގޮތުން ބަނދަރު ފީ ނެގުމާއި ގުޅޭގޮތުން ފުރަތަމަ ނިންމުމަށް ބަނަދލު ގެނެސްފައިވަނީ ޖުލައި 6 ވަނަ ދުވަހު އެވެ. އެދުވަހު ނިންމި ނިންމުން ކައުންސިލުން އާއްމުކޮށްފައެއް ނުވެ އެވެ.
އޭގެ ފަހުން އެ ނިންމުން ބަދަލުކޮށް މިދިޔަ މަހުހެ 16 ވަނަ ދުވަހު ނިންމާފައިވާ ނިންމުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކައުންސިލްގެ ވެބްސައިޓުގައި ޖަހާފައިވެ އެވެ.