ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މަރަދޫފޭދޫ ބްރާންޗުން އާންމުންނަށް ޑޮލަރު ދޫކުރުމަށް، ދޫކުރާ ކިއު ނަމްބަރު އެއް ބަޔަކު ނަގައިގެން ބޮޑު އަގުގައި ވިއްކާ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށް ބައެއް އާންމުން ބުނެފި އެވެ.
"އައްޑޫ ލައިވް" އާ މިއަދު ވާހަކަ ދެއްކި ބައެއް މީހުން ބުނީ ކޮންމެ ދުވަހަކު މަރަދޫފޭދޫ ބްރާންޗުން ޑޮލަރަަށް ދޫކުރަނީ އެންމެ ފަސް ނަމްބަރު ކަމަށެވެ.
އެހެން ނަމަވެސް ކޮންމެ ދުވަހަކު ދެ މީހަކު ފަތިހު ފަތިހާ ބޭންކް ކައިރީގައި މަޑުކޮށްލައިގެން ތިބެ، 8:30 ގައި ބޭންކް ހުޅުވައި ނަމްބަރުތައް ދޫކުރަން ފެށުމާ އެކު އެ ނަމްބަރުތައް ނަގާ ކަމަށް ބައެއް މީހުން ބުންޏެވެ. އަދި އެއީ ދެމަފިރިން ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
"އެ ދެ މީހުން ކޮންމެ ދުވަހަކު ފަތިހު 4:00 ޖަހާ އިރު ބޭންކް ކައިރީގައި އެބަ ތިބޭ. އެހެން ތިބެގެން ނަމްބަރުތައް ނަގައި، އެބަ ވިއްކާ ނަމްބަރުތައް އެހެން މީހުންނަށް 200ރ. އަށް. މި ބަޔަކާ ހެދި ޑޮލަރުން ބޭނުންވެގެން އަންނަ އެތައް ބަޔަކަށް ނަމްބަރެއް ލިބޭ ގޮތެއް ނުވޭ، ޑޮލަރެއް ލިބޭ ވަރެއް ނުވޭ،" ޑޮލަރު ނުލިބިގެން ކަންބޮޑުވުން ފާޅު ކުރި މީހަކު ބުންޏެވެ. "މި ޝަކުވާ ގުޅާފައި މިހާރު އެތައް ދުވަހަކު ބޭންކަށް ހުށަހެޅިއްޖެ. އެކަމަކު ވީ ކަމެއް ހަރާން."
މިކަމާ ބެހޭ ގޮތުން ބީއެމްއެލް މަރަދޫފޭދޫ ބްރާންޗްްުގެ އޮފިޝަލަކު ވިދާޅުވީ ކިއު ނަމްބަރު ނަގައި، އޭގެ ވިޔަފާރި ކުރާ ކަމަށް ބުނާ މައްސަލައަކީ ބޭންކްގެ އިމާރާތުން ބޭރުގައި ހިނގާ ކަމެއް ކަމަށެވެ.
އެހެންވެ ބޭންކަށް އެކަމާ ދޭތެރޭ އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އެއީ ބޭންކްގެ އެތެރޭގައި ހިނގާ ކަމެއް ނަމަ ދެއްތޯ ބޭންކަށް އެކަމާ ފިޔަވަޅެއް އެޅޭނީ. އެއީ ބޭރުގައި ހިނގާ ކަމަކަށްވާތީ، އަޅުގަނޑުމެންނަށް އެކަމާ ކުރެވޭނެ ކަމެއް ނެތް." އޭނާ ވިދާޅުވި އެވެ.
ބޭންކުން އިތުރަށް ބުނީ މި މައްސަލާގައި ބައެއް މީހުން ފޯނުން ގުޅައި ޝަކުވާ ކުރަމުން ގެންދާ ކަމަށެވެ.