ރާނީ އެލިޒަބަތު ދެވަނައިގެ ރަނިކަމަކީ މުޅި ގްލޯބަލް ބްރިޓިޝް އެމްޕަޔަރގެ ތެރޭގައި އެވެރިންގެ އިސްތިޢުމާރީ މުށުތެރޭގައިވި އެތައް ޤައުމެއްގެ ޙުއްރިޔަތާއި ގުޅިފައިވި ބޮޑެތި ޖަރީމާތަކާއި ލޭއޮހޮރުވުންތަކާއި ގުޅުން އޮތް ދައުރެއްކަމަށް ޤަބޫލުކުރަން ހެއްޔެވެ؟
ރާނީ އެލިޒަބަތަށް އިނގިރޭސި ރަނިކަން ލިބިވަޑައިގަތީ 1952 ވަނަ އަހަރުގެ ކުރީކޮޅު ޝާހީ ދަތުރުފުޅެއްގައި ކެންޔާގައި ހުންނަވަނިކޮށެވެ. އާލާސްކަންފުޅާއި އުޅުއްވި އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖް (ހަވަނަ) އަވަހާރަފުޅުގައި އަމާންކަމާއި އެކު އަވަހާރަވެވަޑައިގަތީއެވެ. ރަނިކަމަށް އިސްވެ ވަޑައިގަތް ދަތުރުފުޅުގެ ފަހުން ކެންޔާގައި އިނގިރޭސީންނާއި ދެކޮޅަށް އުފެދެމުން އައި ގަޑުބަޑުގެ ހުޅުފަޅައިގެން ދިޔަ އެވެ.
ކެންޔާގެ މިނިވަންކަން ހޯދުމަށް އިސްތިޢުމާރީ ބާރާއި ކުރިމަތިލި މައު މައު ޖަމާޢަތާއި ދެކޮޅަށް ހަމަ އެހަރުގެ އޮކްޓޯބަރު މަހުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އިނގިރޭސި އިސްތިޢުމާރީ ބާރުތަކުން ހިންގި ލާއިންސާނީ ޖަރީމާތަކާއި މަރުވި އެތަކެއް ހާސް ކެންޔާ މީހުންގެ ވާހަކަތައް ދައްކާ މީހުން މަދެއް ނޫނެވެ.
އެކަމަނާއަކީ އާންމުކޮށް އެކަމަނާގެ ޕާލަމެންޓުގެ އިސްނެގުމަށާއި ނިންމުތަކަށް އިޖާބަ ދެއްވައި ތަބާވެ ވަޑައިގަންނަވާ ދުސްތޫރީ ވެރިއަކަށް ވިޔަސް، އިނގިރޭސިންގެ އިސްތިޢުމާރީ ބާރުގެ ދަށުގައި ތިބި އެތަކެއް މިލިއަން މީހުންނެއް އެގޮތަކަށް ނުއެއް ދެކެއެވެ. އެމީހުންވެސް އަދި ބައެއް ތާރީޚް ލިޔުންތެރިންވެސް އެއްބަސްވާ ގޮތުގައި އެކަމަނާވަނީ އަނިޔާވެރި އިސްތިޢުމާރީ ބާރެއްގެ އެތައް ޖަރީމާތަކެއް ފޮރުވުމުގައި އެހީތެރި ވެދެއްވާފައެވެ.
މިކުޑަކުޑަ ދިވެހިރާއްޖެއަށާއި ޚާއްސަކޮށް އައްޑުއަތޮޅަށް ބަލާލިޔަސް އެކަމަނާގެ ވަރުގަދަ ޝަޚްސިއްޔަތާއި، އެކަމަނާ ރާއްޖެ ވަޑައިގަތުމުގެ ހަނދާނާއި، އެކަމަނާގެ މަޑުމައިތިރިކަމާއި އޯގާތެރިކަމުގެ ވާހަކަ އެތައް ބަޔަކު ހަނދާން ކުރާއިރު އޭގެ އަނެއްކޮޅުން އިނގިރޭސި އިސްތިޢުމާރީ ބާރުގެ އަނިޔާތަކާއި ތަފާތުކުރުންތަކުގެ ވާހަކަ ދައްކާ މީހުންވެސް މަދެއްނޫނެވެ. ބައެއް މީހުން ދެކޭގޮތުގައި އިނގިރޭސި އިސްތިޢުމާރީ ބާރުން ހިންގާފައިވާ ޖަރީމާތައް ހުއްޓުވުމުގައި އެކަމަނާ މާބޮޑު ރޯލެއް ހަޤީޤަތުގައި އަދާކުރައްވާފައެއް ނުވެއެވެ.
މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިނގިރޭސީން ހަންފަތުރައިގެން ގޮށްމުށުގެ ބާރުން ވެރިކަން ކުރަމުން އަންނަނިކޮށް ބާރުތައް ފުރޮޅި އިސްތިޢުމާރީ ވެރިކަން ފުނޑުފުނޑުވަމުން ދިޔަ ދުވަސްވަރެއްގައި، އަމިއްލަ މިނިވަންކަމަށް ދަޢުވާކުރި އެތައް ކަރަޔަކާއި މީގެ އިތުރުންވެސް ކުދި އެތައް ޤައުމަކާއި ދެކޮޅަށް ހަނގުރާމަކޮށް ލާއިންސާނީ އެތަކެއް ޖަރީމާއަކާއި ޤަތުލުޢާންމު ހިންގާފައިވާ ސަރުކާރެއްގެ އަނިޔާވެރިކަމާއި، އެސަރުކާރުގެ ތާޖު އަޅުއްވައިގެން ހުންނެވި ރަނިކަމަނާގެ މަޑުމައިތިރިކަމާއި އޯގާތެރިކަމުގެ ޒާތީ ސިފަފުޅުތަކާއި ގުޅުވައެއް ނުލެވޭނެއެވެ.
އެހެން ނަމަވެސް އިނގިރޭސިންގެ އަނިޔާވެރި އިސްތިޢުމާރީ ސަރުކާރުގެ ރަނިކަމަނާއަކީ ހަމަ އެކަމަނާއޭ ބުނެވޭނެ ޖާގަ އޮންނާނެ ނޫންތޯ އެވެ؟ ކޮންމެއަކަސް ޔަޤީންވާ އެއްކަމަކީ ރާނީއާއި އެކަމަނާގެ ވެރިކަން ހަނދާން ކުރެވެމުންދާ ގޮތް ބޮޑަށް ބިނާވާނީ އެކަމަނާގެ ހަނދާން އާކުރެވެމުންދާ ތަނަކާއި ފަރާތަކަށް ކަމަށެވެ.
އިނގިރޭސިންގެ އިސްތިޢުމާރީ މާޒީއާއި ދުރުހެލިވުމުގެ ކަންކަން ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރުވެސް ހިނގަމުންދެއެވެ. ރާނީ އެލިޒަބަތު އަވަހާރަވެވަޑައިގަތުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އިންޑިޔާގެ އިނގިރޭސި އެމްޕަޔަރުގެ ތާރީޚީ ސަރަޙައްދެއް ކަމަށްވާ ރާޖްޕަތުގެ ނަން ކާތަވްޔާ ޕާތްގެ ނަމަށް ބަދަލުކޮށް، އިނގިރޭސިންގެ އިސްތިޢުމާރާއި ދެކޮޅަށް އެންމެ ހަރަކާތްތެރިވި އިންޑިއާގެ އެއް ޤައުމީ ބަތަލު ސުބާސް ޗަންދްރާ ބޯސްގެ ބޮޑު ސްޓެޗޫއެއް އެސަރަޙައްދުގައި ބަހައްޓައި އެތާނގައި ބޭއްވުނު އިފްތިތާޙީ ހަރަކާތެއްގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައި ވަނީ އަޅުވެތިކަމުގެ އިތުރު ރަމްޒެއް ނައްތާލެވިއްޖެ ކަމަށެވެ.
ޝާހީ ދަތުރުފުޅެއްގައި 2022 ވަނަ އަހަރުގެ ކުރީކޮޅު ކެރީބިއަން ސަރަޙައްދަށް ވަޑައިގަތް ޑޫކް އެންޑް ޑަޗެސް އޮފް ކޭމްބްރިޖާއި މުޚާތަބު ކުރައްވާ ޖެމެއިކާގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ އެސަރަޙައްދު މިހާރު ބްރިޓިޝް މޮނަކީ ދޫކޮށް ޖުމްހޫރީ ވެރިކަމަކަށް މިސްރާބު ޖަހާފައިވާ ކަމަށެވެ.
ހަމަ އެދަތުރުފުޅުގައި ބަހާމާސްގެ ސަރުކާރު ހިންގާ ކޮމިޓީއިން ވަނީ އިންގިރޭސިންގެ ބާރުގެދަށުގައި ހިންގާފައިވާ އިންސާނިއްޔަތާއި ޚިލާފު ޖަރީމާތަކަށް ރަސްމީކޮށް މައާފަށް އެދެން ޝާހީ އާއިލާގެ އެދެބޭފުޅުންނަށް އިލްތިމާސްކޮށްފައެވެ. އެމީހުން ފާހަގަކުރި ގޮތުގައި އިނގިރޭސި ރަސްކަމުގެ ސަބަބުން މެދުނުކެނޑި ހަނދާން އާވަނީ އަޅުވެތިކަމުގެ ދުވަސްވަރެވެ.
މީގެ އިތުރުން 2003 ވަނަ އަހަރު އެމެރިކާއާއި އިނގިރޭސީން އިސްވެ އިރާޤާއި ދެކޮޅަށް ހަނގުރާމަކޮށް އިރާޤުގެ ޢުމްރާނީ ވަޞީލަތްތަކާއި އިޤްތިޞާދީ ހުރިހާ ވަޞީލަތެއް ސުންނާފަތިކޮށްލުމާއި، އެޤައުމުގެ މައުޞޫމު އެތަކެއް ލައްކަ ރައްޔިތުން ޤަތުލުކޮށް އެތައް މިލިއަން ރައްޔިތުންނެއް ހާލުގައި ޖައްސާފައިވަނީވެސް ރާނީ އެލިޒަބަތުގެ ރަނިކަމުގަ އެވެ.
ތާރީހުގެ ސޮފުހާތަކަށް ބަލާ އިެރު 1940-1960 އާ ހަމައަށް ދެމިގެން ދިޔަ މެލޭޝިއާގެ މިނިވަންކަމުގެ ހަނގުރާމައިގައި އިނގިރޭސިން ހިންގާފައި އިންސާނިއްޔަތާއި ޚިލާފު ޖަރީމާތައްވެސް ދެމިގެންދިޔައީ ރާނީ އެލިޒަބަތުގެ ދައުރުގެ ތެރެއަށެވެ. ފާހަގަކޮށްލަން ޖެހެނީ ހަމައެކަނި ރާނީ އެލިޒަބަތު ރަނިކަމުގެ ކުރީ އަހަރުތަކުގައި މި ކޯޅުން ބޮޑުވެގެން ދިޔަކަން އެކަންޏެއް ނޫނެވެ. މެލޭގައި ހިނގާދިޔަ އިންސާނިއްޔަތާއި ޚިލާފު ޖަރީމާތައް ތަހުޤީޤުކުރުމަށް ކުރެވުނު ހުރިހާ މަސައްކަތަކަށް އިނގިރޭސި ސަރުކާރުތަކުން ވަނީ ހުރަސް އަޅާފައިވުމަކީވެސް ތާރީޚު ހެކިދޭ ކަންކަމެވެ.
އަދިވެސް އަވައްޓެރި އަޔަލޭންޑް/ނޯދަން އަޔަލޭންޑާއި އިނގިރޭސިންނާއި ދެމެދު 1968 ހާ ހިސާބުން ފެށިގެން 30 އަހަރަށް ދިގުދެމިގެންދިޔަ 'ނޯދަން އަޔަލޭންޑް ކޮންފްލިކްޓް' ނުވަތަ 'ޓްރަބްލްސް' ގެ ވާހަކަވެސް ބަޔާންކޮށްލަން އެބަ ޖެހެއެވެ. މިނިވަންކަމަށް ދަޢުވާކޮށް އައިރިޝް ރައްޔިތުން މަގުތައް މައްޗަށް ނިކުތުމުން އިނގިރޭސި ސިފައިން އެތަކެއްހާސް އައިރިޝް ރައްޔިތުން ޤަތުލުކުރިއެވެ. މިޤަތުލުޢާންމުތަކާއި ލާއިންސާނީ އަނިޔާތަކުގެ ޝިކާރައަކަށްވެ އޭގެ އަސަރުކުރި ގިނަ މީހުންނަށް ރާނީގެ ހަނދާންތައް ގުޅިފައިވާނީ މިއަނިޔާތަކާއެވެ.
އިނގިރޭސި ސަރުކާރުގެ އަނިޔާވެރި ތާރީޚާއި ރާނީ އެލިޒަބަތު ދެވަނައިގެ ރަނިކަމާއި ޝަޚުޞިއްޔަތާއި ގުޅުވުން އެއްގޮތަކަށްވެސް އިންސާފުވެރިއެއް ނޫންކަމަށް ބައެއް މީހުން ދެކެއެވެ. ޔަޤީނުންވެސް ރާނީގެ ޒާތީ ޝަޚްސުފުޅަކުން އަނިޔާވެރިކަމެއް ފެންނާކަށް ނެތެވެ. އެކަމަކު އެކަމަނާއަކީ އިނގިރޭސި ރާނީކަމަށްވެފައި، އިނގިރޭސި ދަޢުލަތުން އިނގިރޭސި ތާޖުގެ ނަމުގައި ހިންގާ ހަމަ ކޮންމެކަމެއްގައި އެކަމަނާގެ ހިއްސާ އޮންނާނެކަން ދަންނަންޖެހެއެވެ. އެކަމަކީ ރަނގަޅު ކަމަކަށްވިޔަސް އަދި ނުބައިކަމަކަށް ވިޔަސްމެއެވެ.
އިނގިރޭސި އިސްތިޢުމާރުގެ ތާރީޚުގައި އިނގިރޭސި ރާނީ އެލިޒަބަތު ދައުރާމެދު ކުރެވޭ ބަހުސަކަށް ނިމުމެއް ނެތެވެ.