އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ރަށު ކައުންސިލް އަދި ސަރުކާރު ގުޅިގެން އެކުގައި ކުރާ މަސައްކަތުގެ ނަތީޖާ މާފޮނިވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ލ. ގަމުގައި ކުރިއަށްގެންދާ "ވިއަވަތި ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ކައުންސިލް ތަކުގެ ހިންގުމާ ރަށުގެ ތަރައްޤީއާ، އިޖްތިމާއީ ހުރިހާ ކަމެއްގައި، އަންހެނުންގެ ބައިވެރިވުމާ ޝާމިލްވުން އަދިވެސް ބޮޑުވާޏްޖެހޭ ކަމަށެވެ. އަދި މައްސަލައެއް ހައްލު ކުރުމަށް، ނުވަތަ ކާމިޔާބެއް ހޯދުމަށް ކަމުގާވިޔަސް، އަންހެނުންގެ ދައުރު ވީއެންމެ ފުޅާ ދާއިރާއެއްގާ އޮންނަންޖެހޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
"ޑަބްލިއު.ޑީ.ސީ.އާ، ކައުންސިލް އަދި ސަރުކާރު އެކުގާ ތިބެ، ކުރާ މަސައްކަތުގެ ނަތީޖާ މާފޮނިވާނެ. ޤައުމުގެ ނުވަތަ އާބާދީގެ ދެބައިކުޅައެއްބައި ކަމުގައިވާ އަންހެނުންނަށް، ބައިކުޅަބައި ދީގެން މާނަވީ ލާމަރުކަޒީ ޖަޒީރާ ދިރިއުޅުމެއް ނުހޯދޭނެ."
ލާމަރުކަޒީ ނިޒާމަކީ މިހާތަނަށް މުޅި ރާއްޖެއަށް ގެނެވޭ އެންމެ ބޮޑު އިދާރީ ބަދަލުކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ، ކުރިން ރަށްރަށުގައި ކުރި ކޮންމެ ކަމެއްވެސް ކުރީ، މަރުކަޒީކޮށް، ރަށްތަށް ގުޑި ނުލެވޭވަރު ކުރުމަށް ކަމަށެވެ.
އެހެންނަމަވެސް، މިހާރު މިސަރުކާރުން ހިންގާ ކިތަންމެ ބޮޑު މަޝްރޫއެއްކަމުގައި ވިޔަސް، އެއީ އެރަށަކަށްޓަކާ ކުރާކަމެއް ކަމަށް ވިދާޅުވިއެވެ.
"މިހިންގާ ކޮންމެ ސިޔާސަތަކީ ރައްޔިތުން ވީއްލި، އުދުއްސައިގަނެވޭނެ ލާމަރުކަޒީ ޖަޒީރާ ރާއްޖޭގެ ތަރައްޤީ. ބޭނުމަކީ ކޮންމެ ރައްޔިތަކަށްވެސް އެރައްޔިތަކު އިޚްތިޔާރު ކުރާތަނެއްގާ އުފާފާގަތި ކަމުގާ ޢާއިލާ ބިނާކޮށް ދިރިއުޅެވޭނެ މަގުފަހިކުރުން.”
ރައީސް ސޯލިހް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ރާއްޖޭގައި ފުރިހަމަކޮށް އަށަގަންނުވަން ޖެހޭނީ، ފިސާރި ދެމެހެއްޓެނިވި ގޮތެއްގައި ކަމަށާއި، ދުވަހަކުވެސް މިނިޒާމާ މިބާރުތަށް ރައްޔިތުންގެ އަތުން އެއްވެސް ބޭފުޅަކަށް، ދެން އަނބުރާ ފިރުކާ ނުގަނެވޭނެ މިންވަރަށް ކަމަށެވެ.