އިއްޔެ ފާހަގަ ކުރި އޯޓިޒަމް ދުވަހުގެ ހަރަކާތްތައް ހިތަދޫ ޝަރަފުއްދީން ސްކޫލްގައި މިއަދު ފަށައިފި އެވެ.
ދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ދަށުން އެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކުލާސް "އަލް ނޫރު ކްލާސް" ގެ ފަރާތުން ވަނީ މިއަދު ހާއްސަ އެސެމްބްލީއެއް ބާއްވައިފަ އެވެ. އެ އެސެމްބްލީގައި ދުވަހާ ގުޅޭ ކޭކެއް ވެސް ވަނީ ފަޅައިފަ އެވެ.
މި އެސެމެބްލީގައި ޝަރަފުވެރި މެހުމާނެއްްގެ ގޮތުން އައްޑޫ (ޓީޗާސް ރިސޯސް ސެންޓަރު (ޓީއާރުސީ) ގެ ކޯޑިނޭޓަރު އައިޝަތު ޝިބާނާ އާއި އެޑިއުކޭޝަން ޔުނިޓްގެ ސްޕްރިންޑެންޓް ފާތުމަތު ނަސީރު ވެސް ބައިވެރިވެވަޑަައިގެންނެވި އެވެ.
މީގެ އިތުރުން "އަލް ނޫރު" ކްލާހުގެ ދަރިވަރުންނާއި ޝަރަފުއްދީން ސްކޫލުގެ އެހެނިހެން ކްލާސްތަކުގައި ކިޔަވާ ދަރިވަރުންނާއި ސްކޫލުގެ ހުރިހާ މުވައްޒަފުންގެ އިތުރުން އައްނޫރު ކްލާހުގެ ދަރިވަރުންގެ ބެލެނިވެރިން ވެސް ބައިވެރިވި އެވެ.
މިއަދުގެ އެސެމްބްލީގައި އައްނޫރު ކްލާހުގެ ދަރިވަރަކު ވެސް ވާހަކަ ދެއްކި އެވެ. އަދި އެ ކްލާހުގެ ބެލެނިވެރިއަކު ވެސް އެސެމްބްލީގައި ވާހަކަ ދައްކާފައިވެ އެވެ.
ވާހަކަ ދެއްކި ބެލެނިވެރިޔާ ވަނީ 19 ދަރިވަރުން ކިޔަވަބާ އެ ކްލާހުގެ ކުދިންނަށް ވިލާ ފައުންޑޭޝަނުން ޝަރަފުއްދީނަށް މިދިޔަ އަހަރު ހަދިޔާ ކުރި ވޭނުގެ ހިދުމަތް ދަރިވަރުންނަށް މިހާތަނަށް ލިބެމުން ނުދާތީ އޭގެ ހިދުމަތް އަވަސް މުއްދަތެއްގައި ލިބޭނެ ގޮތް ހަމަޖައްސައި ދޭން އެދިފަ އެވެ.
އެ ވާހަކަ އަށް އިޝާރާތް ކުރައްވައި ޝިބާނާ ވިދާޅުވީ ވޭނުގެ ޚިދުމަތް ލަސްވަމުން ދަނީ ވޭނު ދުއްވާނެ ޑްރައިވަރަކު ހަމަނުޖެހޭތީ ކަމަށެވެ.
އެހެން ނަމަވެސް އެކަންތައް ވީހާ ވެސް އަވަހަކަށް ހަމަޖެއްސުމަށް އެޑިޔުކޭޝަނުގައި އެދިފައި ވާނެ ކަމަށް ވިދާޅުވި އެވެ.
މިއަދުގެ އެސެމްބްލީގައި ޝަރަފުއްދީން ސްކޫލުގެ ދަރިވަރުން ވަނީ އަލް ނޫރު ކްލާހުގެ ދަރިވަރުންނަށް ހާއްސަ ލަވައެއް ވެސް ހުށަހަޅައި ދީފަ އެވެ.
ޝަރަފުއްދީނުން ވަނީ އަލް ނޫރު ކުލާހުގެ ދަރިވަރުންނަށް ފަންޑް ހޯދުމުގެ ގޮތުން މިއަދު ސްކޫލުގައި ފަންޑް ފޮއްޓެއް ވެސް ހުޅުވައިފަ އެވެ.
މި ފޮއްޓަށް ސްކޫލްގެ ޕްރިންސިޕަލް އަހުމަދު މިހާދާއި އެސެމްބްލީގައި ބައިވެރިވެވަޑައިގެންނެވި ފާތުމަތާއި ޝިބާނާގެ އިތުރުން ސްކޫލްގެ މުވައްޒަފުން މިއަދު ވަނީ ފައިސާ ހަދިޔާކޮށްފަ އެވެ.
އޯޓިޒަމް ދުވަހާ ގުޅިގެން ތުން މިއަދު ހަވީރު ޝަރަފުއްދީން ސްކޫލުން ވަނީ ހިނގާލުމެއް ވެސް ބާއްވަން ނިންމައިފަ އެވެ. ހިނގާލުން ފެށޭނީ 4:00 ޖަހާ އިރު ސްކޫލް ކައިރިންނެވެ.