ސ. ގަމުން ސްރީ ލަންކާ އަށް މި މަހުގެ 11 ގައި ދަތުރެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މި ދަތުރު އިންތިޒާމް ކުރަނީ އޭވިއޭޝަން ސާވިސަސް މޯލްޑިވްސް ގެ ފަރާތުންނެވެ.
އެ ކުންފުނިން ބުނީ ހަމައެކަނި ސްރީލަންކަން އެެއާލައިންސުން 11 ވަނަ ދުވަހު ގަމުން ލަންކާ އަށް ބާއްވާ ފްލައިޓްގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 93 ޑޮލަރު (1،434.06ރ.) އެވެ. ރިޓާން ޓިކެޓެއްގެ އަގަކީ 168 ޑޮލަރު (2،590.56ރ.) އެވެ.
އެތަނުން ބުނީ ރިޓާން އިންނާނީ ގަމުން ލަންކާ އިން މާލެ އަށް ކަމަށެވެ.
ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް އޭވިއޭޝަން ސާވިސަސް މޯލްޑިވްސް މާލޭ އޮފީހުންނާއި ހިތަދޫގައި ހުންނަ ބީޗް ކެބުން ވެސް ޓިކެޓް ގަންނަން މިހާރު ލިބޭނެ ކަމަށް އެތަނުން ބުންޏެވެ. އަދި 3333668 އަަށް ގުޅައިގެން ވެސް ރިޒަވޭޝަން ހެދޭނެ އެވެ.
ސްރީ ލަންކަން އެއާވޭސްގެ ދަތުރެއް ގަމުން ލަންކާ އަށް ބާއްވަން ނިންމި އިރު، އެ ކުންފުންޏަކީ މި ދޭތެރޭ ޝެޑިއުލް ދަތުރުތަކެއް ކުރަން ޝައުގުވެރިކަން ފާޅުކޮށް ސަރުކާރަށް ހުށަހެޅި ކުންފުންޏެއް ވެސް މެ އެވެ.
އެެހެން ނަމަވެސް އެ ކުންފުނީގެ ބަދަލުގައި ގަމާއި ލަންްކާ އާ ދޭތެރޭ ދަތުރު ކުރުމުގެ ހުއްދަ ސަރުކާރުން މިދިޔަ އަހަރު ދިނީ ގައުމީ އެއާލައިން މޯލްޑިވިއަންއަށެވެ. އަދި އެގޮތަށް ނިންމީ ސްރީ ލަންކަން އެެއާލައިންސުން ބޮޑު އަގެއް ހުށަހެޅުމުން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ނަމަވެސް ދަތުރުތައް ފެށިތާ މާ ގިނަ ދުވަހެއް ނުވެ، ޑިމާންޑެއް ނެތުމުން ގެއްލުންވާ ކަމަށް ބުނެ މޯލްޑިވިއަނުން ވަނީ ދަތުރުތައް ހުއްޓާލައިފަ އެވެ.
ސްރީ ލަންކަން އެއާލައިންސުން ބުނީ ގަމާއި ލަންކާ އާ ދޭތެރޭ ދަތުރުތައް ބޭއްވުމުގެ ޝައުގުވެރިކަން އަދިވެސް ވަރަށް ބޮޑު ކަމަށެވެ.