އެމެރިކާގެ ބާސްކެޓް ލެޖެންޑް މައިކަލް ޖޯޑަންގެ ޖާޒީއެއް ރެކޯޑް އަގަކަށް ނީލަމެއްގައި ވިކިއްޖެ އެވެ.
މީގެ 24 އަހަރު ކުރިން 1998 ގައި އެންބީއޭ ފައިނަލްގައި މިހާރު އުމުރުން 59 އަހަރުގެ ތަރި ބޭނުންކުރި ޖާޒީ ވިކިފައި ވަނީ 10.1 މިލިއަން ޑޮލަރަށެވެ. މިއީ ކުޅިވަރުގެ ތާރީހުގައި ވެސް ޖާޒީއަކަށް މިހާ ބޮޑު އަގެއް ލިބުނު ފުރަތަމަ ފަހަރެވެ.
ޖޯޑަންގެ "ލާސްޓް ޑާންސް" ޖާޒީގެ ނަމުގައި މަޝްހުރުވި ޖާޒީ ވިއްކި ނީލަން އިންތިޒާމުކުރި އޮކްޝަން ހައުސް، ސޮދަބީޒް އިން ބުނީ ބުރާސްފަތި ދުވަހު ބޭއްވި ނީލަމުގައި ޖޯޑަންގެ ޝިކާގޯ ބުލްސް ޓީމްގެ ޖާޒީ ގަންނަން 20 މީހަކު ބިޑްކުރި ކަމަށެވެ. ޖޯޑަންގެ މި ޖާޒީ ހާއްސަވާ އެންމެ މުހިއްމު ސަބަބަކީ މިއީ އޭނާ އެންބީއޭގެ ފައިނަލް ކާމިޔާބުކުރި ހަ ވަނަ އަދި ފަހު ފައިނަލްގައި ބޭނުންކުރި ޖާޒީއަށްވުމެވެ.
މީގެ ކުރިން ނީލަމެއްގައި އެންމެ ބޮޑު އަގަކަށް ވިކުނު ޖާޒީ އަކީ މިދިޔަ އަހަރު މަރުވި އާޖެންޓީނާގެ ފުޓްބޯޅަ ތަރި ޑިއެގޯ މެރަޑޯނާ 1986 ގެ ވޯލްޑް ކަޕްގައި ބޭނުންކުރި ޖާޒީ އެވެ. އެ ޖާޒީ ވިކުނީ 9.28 މިލިއަން ޑޮލަރަށެވެ.
ޖޯޑަންގެ ޖާޒީއަކަށް ނީލަމެއްގައި ރެކޯޑް އަގެއް ލިބުނު އިރު، އޭނަގެ ބޫޓަކަށް ވެސް މީގެ ދެ އަހަރު ކުރިން ނީލަމެއްގައި ބޮޑު އަގެއް ލިބިފައިވެ އެވެ. ސޮދަބީޒުން 2020 ގައި ބޭއްވި ނީލަމުގައި ބޫޓް ވިކުނީ 560،000 ޑޮލަރަށެވެ.
"އެއާ ޖޯޑަން 1" ގެ ނަން ދީފައިވާ އެ ބޫޓަކީ ރަތާއި ހުދާއި ކަޅު ކުލަ އެކުލެވޭ ނައިކީން 1985 ސީދާ ޖޯޑަން އަށް ހާއްސަކޮށްގެން އުފެއްދި ބޫޓެކެވެ. އަދި އޭގައި ޖޯޑަންގެ އޮޓޯގްރާފް ވެސް ހިމެނެ އެވެ. އަދި އެ ބޫޓަކީ ކުލަބް ޝިކާގެ ބުލްސްގައި އޭނާ ހޭދަކުރި މުއްދަތުގެ ތެރޭގައި ކެރިއަރުގެ ވަރަށް ގިނަ ދުވަސްތަކެއްގައި ބޭނުންކުރި ބޫޓެކެވެ.