ބޭހާ އެކު ބައެއް ވައްތަރުގެ މޭވާ ޖޫސް ބޭނުން ކުރުމަކީ ހައިރާންވާހާ މިންވަރަކަށް ބޭހުގެ އަސަރު ދަށްވާ ކަމެއް ކަމަށް ސައިންސްވެރިން ބުނެފި އެވެ.
ހާއްސަކޮށް ކެންސަރާއި ހިތުގެ ބަލިތަކަށް އަދި ލޭ މައްޗަށް ދިއުމުގެ ބައްޔަށް އުފައްދާފައި ހުންނަ ބޭސްތައް ފާހަގަ ކުރެވޭ ކަމަށް މި ބޭފުޅުން ވިދާޅުވެ އެވެ،
ދިރާސާއަކުން ދެއްކި ގޮތުގައި އޮރެންޖާއި އާފަލު އަދި ގްރޭފްފުރުޓް ޖޫހާ އެކު ބައެއް ބާވަތުގެ އެންޓިބައޮޓިކްސް އާއި ހޭ-ފީވާ ކިޔާ ހުމަކަށް ދޭ ބޭސް ބޭނުން ކުރުމުން އެ ބޭސްތަކުގެ އަސަރު މުޅިންހެން ނެތިގެން ދެ އެވެ.
މިކަން މިގޮތަށް މެދުވެރި ވަނީ މިފަދަ ޖޫހުގެ ސަބަބުން ލޭގެ ތެރެއަށް ބޭސް ވާސިލުވުމަށް ހުރަސްއެޅި ހަށިގަނޑުގެ ތެރޭގައި ބޭހުން ކުރަން ޖެހޭ މަސައްކަތްތައް ނުކުރުމެވެ. މިއީ ބޭހުގެ ފައިދާ މުޅިން ނެތެން މެދުވެރިވެދާނެ ސަބަބެއް ކަމަށް ވެސް ސައިންސްވެރިން ވިދާޅުވެ އެވެ.
މީގެ ނުރައްކާތަކުގެ ސީރިއަސްކަން ބޮޑުކަމުން މި ބޭފުޅުން އިންޒާރު ދެއްވަނީ އެއްވެސް ކަހަލަ ޝައްކެއް ވާ ނަމަ މޭވާގެ ޖޫހާ އެކު ބޭސް ކެއުމުގެ ބަދަލުގައި ބަލި މީހުން ފެނާ އެކު ބޭސް ކެއުން ރަނގަޅު ވާނެ ކަމަށެވެ.
ފަހުގެ މި ހޯދުން ދައްކާ ގޮތުގައި މޭވާ ޖޫހުން ބޭހުގެ އަސަރު ވަރަށް ބޮޑަށް ދަށްވެ އެވެ. ފަހަރުގައި ބޭހުގެ އެއްވެސް ރަނގަޅު އަސަރެއް ހަށިގަނޑަށް ނުކުރާ ވަރަށް ބޭހުގެ އަސަރު ކުޑަވުމަކީ ވެސް ވަރަށް ގާތް ކަމެއް ކަމަށް މި ދިރާސާ އިން ދައްކަ އެވެ.
ގްރޭފް ފުރުޓާއި އޮރެންޖް އަދި އާފަލު ޖޫހުން ބޭހުގެ އަސަރުތައް ކުޑަވެގެންދާ ބޭސްތަކުގެ ތެރޭގައި ލޭގެ ޕްރެޝަރު ދަށްކޮށްދޭ ބީޓާ ބްލޮކާސް އެޓެނޮލޯކް، ކެލިޕްރޮލޯލް އަދި ޓެލިނޮލޯލް އާއި ހޭ-ފީވާގެ ފަރުވާއެއްގެ ގޮތުން ދޭ ފެކްސޮފެނަޑިން ކިޔާ ބޭހެއް ހިމެނެ އެވެ.
އަދި މަލްޓި-ޕާޕަސް އެންޓިބައޮޓިކެއް ކަމަށްވާ ސިޕްރޮފްލޮކްސެސިން އަށް ވެސް މޭވާ ޖޫހުން ނުރަނގަޅު އަސަރުތަކެއް ކުރާ ކަމަށް ވެ އެވެ.
މި ބޭހަކީ ފުޑް ޕޮއިޒަނިން ނުވަތަ ކާނާ ވިހަވުމުންނާއި ކައްޓާއި ހުޅުތަކުގެ އިންފެކްޝަންތަކަށް އާދަވެ ދޭ އުޅޭ ބޭހެކެވެ. އަދި ކެންސަރަށް ދޭ ބޭހެއް ކަމަށްވާ އެޓޮޕޮސައިޑް އާއި ބައެއް ގުނަވަންތައް ބަދަލުކޮށްފައި ތިބޭ ބަލިމީހުންނަށް ދޭ ބޭސް ވެސް ހިމެނެ އެވެ.