ޝަންގްރިއްލާގެ ފުޓްބޯޅަ ޓީމް އެކުވެރިކަމުގެ ފުޓްބޯޅަ މެޗްތަކެއް ކުޅުމަށް މި މަހުގެ ހަ ވަނަ ދުވަހު މާލެ ދިއުމަށް ހަމަޖެހިފައިވާކަމަށް ޝަންގްރިއްލާ އިން ބުނެފި އެވެ.
ޝަންގްރިއްލާ ފުޓްބޯޅަ ޓީމުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ޓީމް މާލެ ގޮސް އެކުވެރިކަމުގެ ތިން މެޗް ކުޅުމަށް ހަމަޖެހިފައި ވާކަމަށެވެ. އެގޮތުން ވަން އެންޑް އޮންލީ އާއި ޓްރޭޑާސް ހޮޓެލް އަދި މޯލްޑިވިއަން އާއި ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޝަންގްރިއްލާއިން ބުނީ މި ދަތުރުގައި ޝަންގްރިއްލާ ޔުނައިޓެޑްގެ 20 ކުޅުންތެރިންނާއި ފަސް އޮފިޝަލުން މާލެ ދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޓީމް ތިބުމަށް ހަަމޖެހިފައިވަނީ ޝަންގްރިއްލާ އިން ހިންގަމުން އަންނަ ޓްރޭޑާސް ހޮޓަލުގަ އެވެ.
މިދިޔަ އަހަރު ވެސް ޝަންގްރިއްލާ ޓީމް ވަނީ މާލެ ގޮސް އެކުވެރިކަމުގެ މެޗްތަކެއް ކުޅެފައެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފުރަތަމަ މެޗްގައި ވަން އެންޑް އޮންލީ އާއި މޯލްޑިވިއަން ބައްދަލުކުރި މެޗް ވަން އެންޑް އޮންލީ ކާމިޔާބު ކުރީ 8-1 ލަނޑުންނެވެ.
އަދި މުބާރާތުގެ ދެވަނަ މެޗްގައި ޝަންގްރިއްލާ އަދި ވަން އެންޑް އޮންލީ ބައްދަލު ކުރި މެޗް 4-4 ލަނޑުން އެއްވަރުވެފައިވާ އިރު މުބާރާތުގެ ފަހު މެޗް ޝަންގްރިއްލާ ކާމިޔާބު ކުރީ 9 ލަނޑު މޯލްޑިވިއަން ކޮޅަށް ޖަހައިގެންނެވެ.
މުބާރާތުގެ ޓްރޮފީ ޝަންގްރިއްލާއިން އުފުލާލީ މޯލްޑިވިއަންގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯދައިގެންނެވެ.
ޓީމް އެނބުރި އައްޑޫއަށް އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.