ފަލަވުމަކީ އަޅާނުލާ ދޫކޮށްލާ ވަރަށް ވުރެ ސީރިއަސް މައްސަލަ އެކެވެ. އާދައިގެ ހަށިގަނޑެއްގެ ވެރިއަކަށް ވުމުގެ އެންމެ މުހިއްމު ބޭނުމަކީ ވަކި ގޮތަކަށް މީހާ ބޭރު ފުށުން ފެންނަ ފެނުމެއް ނޫނެވެ. އެ މީހާގެ ހަށިގަނޑާއި ސިކުނޑިއަށް އޭގެ ރަނގަޅު އަސަރުތަކެއް ކޮށް ސިއްހަތު ސަލާމަތުން ހުރުމެވެ.
މާގިނަ ސަރުބީ ހަށިގަނޑުގައި ހުރުމަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ހަށިގަނޑުގެ ގުނަވަންތަކަށް ގެއްލުން ހުރި ކަމެކެވެ. އެހެންކަމުން ހިކެން ބޭނުންވާ މީހުންނަށް އޮތް އުފާވެރި ހަބަރަކީ ކެއުމުގެ އާދަތައް ބަދަލުކޮށްލާ ކަސްރަތުކޮށް މިހާރަށް ވުރެ ހެލިފެލި ދިރިއުޅުމަކަށް ބަދަލުވުމަށް މިހާރުވެސް މަސައްކަތް ފަށާށެވެ. އަދި ވަގުތު ފާއިތުވެއްޖެއޭ ހިތަށް އަރާފައި އެއްވެސް ކަމެއް ނުކޮށް ނުހުންނާށެވެ.
މިހާރު ކެއުން ކޮންޓްރޯލްކޮށް ކަސްރަތު ކުރަން ފެށުމުން ހީކުރާ ވަރުގެ ބޮޑު ބަދަލެއް ހަށިގަނޑަށް ނައުމަކީ އެކަށީގެންވާ ކަމެކެވެ.
ނަމަވެސް ސިއްހަތު ރަނގަޅު ދިރިއުޅުމެއް އުޅެން އާދަކޮށްގެން ތިމާގެ ހަޔާތުގެ ދުވަސްތައް ދުޅަހެޔޮކަމާއި އުފާވެރިކަމާއެކު ހޭދަ ކުރެވިދާނެ އެވެ.
މާ ބޮޑަށް ފަލަ މީހުން ނުވަތަ އާދައިގެ ވަރަކަށް ފަލަ ގިނަ މީހުންނަށް ވާ ގޮތަކީ އެމީހުންގެ މައްސަލައަށް ހޯދޭނެ އެއްވެސް ހައްލެއް ނެތް ކަމަށް ގަބޫލު ކުރެވެނީ އެވެ.
ނަމަވެސް ހިތުގައި ހިކުމުގެ އަޒުމު ކަނޑައަޅައިގެން ވީހާވެސް ލުއި ގޮތަކަށް މި ޕްރޮގްރާމް ފަށައިފި ނަމަ އެކަމަށް މަޑުމަޑުން ހިތްޖެހި ސިއްހަތަށް ފައިދާހުރި ގޮތަކަށް ދިރިއުޅުން ބައްޓަން ކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެ އެވެ.
ކުއްލިއަކަށް މާބޮޑެތި ޕްރޮގްރާމްތައް ނުފަށާ މަޑުމަޑުން ކަންތައްތައް ކުރަމުން އެކަންތައް އިތުރު ކުރަމުން ގެންދެވިދާނެ އެވެ. މިސާލަކަށް އެއްގޮތަކަށް ވެސް ކަސްރަތު ނުކުރާ މީހަކު ނަމަވެސް 24 ގަޑި އިރުގެ ތެރެއިން އެ މީހަކަށް އެންމެ ފަސޭހަ އެއް ގަޑިއެއްގައި ހިނގާލަން ނުކުމެލެވިދާނެ އެވެ.
އެއީ އެންމެ ފުރަތަމަ 15 ވަރަކަށް މިނެޓުގެ ހަނގާލުމަކަށް ވެސް ހެދިދާނެ އެވެ. ނަމަވެސް މަޑުމަޑުން ހިނގާ މިންވަރު އިތުރު ކުރަމުން ގޮސް ދުވާލަކު 45 ވަރަކަށް މިނިޓް ހިނގުމަށް އާދަ ކުރެވިއްޖެ ނަމަ އެހިފުނީ ވެސް ރަނގަޅު އާދަ އެކެވެ.
އަދި އާދަވެ ރޭގަނޑު ބަތް ނުވަތަ ރޮށި ފާޑުގެ އެއްޗެތި ކައިގެން ނިދާ އުޅޭ މީހުން ވެސް ކެއުމުގެ އާދައަށް ބަދަލެއް ގެނެވިދާނެ އެވެ. ކާ ގަޑި ވީހާ ވެސް އިރާކޮޅަށް ބަދަލުކޮށްލާ އަދި މަޑުމަޑުން ކާ މިންވަރު މަދުކޮށް ކޮންމެވެސް ލުއި ގޮތަކަށް ރޭގަނޑުގެ ކެއުން ނިންމާލެވި ދާނެ އެވެ.