މީލާދީން 634 އިން 644 އަށް ޚަލީފާ އުމަރު ބުނު ޚައްޠާބް ކުރެއްވި 10 އަހަރުގެ ވެރިކަމުގައި ތާރީޙުގެ ތެރޭގައި ހިނގި ވަރަށް ގިނަކަންތައްތައް ވަނީ ބަދަލު ކުރައްވައިފަ އެވެ.
އަރަބިން އިސްލާމް ދީނުގެ ހިދާޔަތުގައި އަރަބިކަރައިގެ ސަހަރާ ތަކުން ފެށިގެން ހުޅަގުގެ ބައިޒަންތީނާ، އިރުމަތިން ފާރިސްކަރަ ވަނީ ފަތަޙަކޮށްފަ އެވެ.
މި 10 އަހަރުގެ ތެރޭގައި މުސްލިމުން ފަތަޙަކޮށްފައިވާ ސަރަޙައްދު ތަކުގެ ތެރޭގައި 2,251,030 އަކަމޭލުގެ ސަރަޙައްދުތައް ވެސް ހިމެނެ އެވެ. ތާރީޚުން ދާއްކާގޮތުން އުމަރު ގެފާނުގެ ޚިލާފަތުގައި މުސްލިމުންގެ ބާރު، މުޅިއޭޝިޔާ ބައްރާއި ދާދި އެއްވަރަށް ފެތުރިފައިވެ އެވެ.
ދުނިޔޭގައި އެކި ކަންކޮޅުތަށް ފަތަޙަކުރަމުން އައި ވެރިކަންކަމަށްވުރެ އުމަރު ގެފާނުގެ ޚިލާފަތުގައި އިސްލާމް ދީނުގެ މަގުގައި ކޮށްފައިވާ ހަނގުރާމަތަކާ، ފަތަޙަކޮށްފައިވާ ޤައުމުތަކާ އަޅާނުކިޔޭ ވަރަށް ވެސް ގިނަ އެވެ. އަދި އެހެނިހެން ވެރިކަންތައް މާ ގިނަ ދުވަހު ދެމިގެން ގޮސްފައެއް ވެސް ނުވެ އެވެ.
ނަމަވެސް އުމަރު ގެފާނު ފަތަޙަ ކުރެއްވި ޤައުމުތަކުގައި އިސްލާމް ދީނުގެ އަލިކަން މިއަދާ ހަމައަށް 1،400 އަހަރު ވީއިރު ވެސް ފުހެވިގެން ނުދާކަން ފާހަގަ ކުރެވެ އެވެ.
ދުނިޔޭގެ ތާރީޚުގައި ވެސް ޚަލީފާ އުމަރުގެފާނަކީ ވަރަށް މަތިވެރި ޝަހުސިއްޔަތެކެވެ. މިއަދާ ހަމައަށްވެސް އުމަރު ގެފާނުގެ ހަނދާން ފޮހެވިގެން ގޮސްފައެވެ ނުވެއެވެ. އުމަރު ގެފާނަކީ ވަރަށްމޮޅު ހަނގުރާމަވެރިއެކެވެ. އަދި އެންމެންގެ މަޤުބޫލުކަން ލިބިފައިވާ ވެރިއެކެވެ. އެ ދުވަސްވަރު މުސްލިމުންގެ ޤަދަރާއި ޢިއްޒަތް ގެނެސް ދެއްވާފައި ވަނީ ވެސް އުމަރުގެފާނެވެ. އެކަލޭގެފާނަކީ ތާރީޙުން ވެސް ފުހެވިގެން ނުދާނެ ކުޅަދާނަ ޝަހުސެކެވެ.
އުމަރުގެފާނުގެ ޒާތީ ސިފަފުޅުތަކަށް ބަލާލާ އިރު، އެކަލޭގެފާނަކީ ތަޤުވާވެރި، ތެދުވެރި، އިޚުލާސްތެރި، ވަފާތެރި، އިންސާފްވެރި، އަދި މަސްއޫލިއްޔަތު އުފުލުމުގައި ހިތްވަރާއި ކެރޭ، ބޭކަލެކެވެ. އަދި މީގެ އިތުރުން ވެރިއެއްގެ ހުރުން ކޮންމެހެން ވެސް ލާޒިމް ހުރިހާ ސިފައެއްހެންއެކުލެވިގެންވާ ބޭކަލެކެވެ.
އުމަރު ގެފާނަކީ ވަރަން ޢިލްމުވެރި، ކަންކަން ދިރާސާކޮށް ދަސްކުރެއްވުމުގައި ވަރަށް މޮޅު ބޭކަލެކެވެ. އަދި އެހާމެ މޮޅު ވާހަކަ ދެއްކުންތެރިއެކެވެ.
ކޮންމެ ހުކުރު ދުވަހެއްގައި މަސްޖިދުލް ނަބަވީގައި ޚުތުބާ ވިދާޅުވެފައިވެ އެވެ. މި ޚުތުބާތަކުގެ ތެރެއިން ވަރަށް ގިނަ ކަންތައްތައް މިހާރުގެ ދީނީ ތަޢުލީމީ ނިޒާމުގެ ތެރެއިން ކިޔަވައިދެމުން ދިއުމަކީ މިކަމުގެ ހެެއްކެއްކަން ފާހަގަ ކުރެވެ އެވެ. އެކަލޭގެފާނުގެ ލަޝްކަރު އެކި ސަރަހައްދުތަކަށް ފޮނުވުމުގެ ކުރިން އެމީހުންނާ މުޚާޠަބުކޮށް އެ މީހުންގެ މިޝަން އަށް ޝައުގުވެރިކޮށް ހިއްވަރު ދެއްވައި ވާހަކަފުޅު ދައްކަވާފައިވެ އެވެ.
އަޅުގަޑުމެންނާ ހަމައަށް އައިސްފައިވާ، އުމަރުގެފާނުގެ ގިނަ ލިޔުންތައް ދިރާސާކޮށްލާ އިރު ފާހަގަ ވެގެންދަނީ އެކަލޭގެފާނަކީ ވަރަށް މޮޅު ލިޔުންތެރިއެއް ކަމުގައެވެ. ޤައުމުގެ ކުރިމަގު ބައްޓަން ކުރެއްވުމުގައި އުމަރުގެފާނަކީ ކުރިމަގަށް ވިސްނަވާ ޢިލްމުވެރި މޮޅު ވެރިއެއްކަން ފާހަގަ ކުރެވެ އެވެ.
ދަށުން މަސައްކަތް ކުރާ މީހުން ދެނެގަތުމުގައި ކުޅަދާނަ ބޭކަލެކެވެ. ކަންކަމުގެ ހެވައި ނުބައި ދެނެގަތުމުގައި ވިސްނުންތެރި ބޭކަލެކެވެ.
ކަންކަން ނިންމެވުމުގައި އެ މައްސަލައިގެ ތަޙުޤީގުތައް ވަރަށް ތަފްޞީލުކޮށް ބައްލަވައި އެމައްސަލައެއް ނިންމަވަނީ އިންސާފުވެރިކޮށެވެ. ކަންކަމުގެ ޙަޤީޤަތް ތެދުވެރިކަމާ އެކު ހާމަ ކުރުމަށް ފަސްޖެހިވަޑައި ނުގަންނަވާ ބޭކަލެކެވެ.
އެކަލޭގެފާނަކީ ހިތްވަރުގަދަ، މީސްތަކުންގެ ކުރިމަތީގައި ހަރުކަށި ބޭކަލެއް ކަމުގައި ވީނަމަވެސް ކީރިތި ޤުރުއާން ކިޔަވާ އަޑު އިވިވަޑައިގަތުމުން މަޑުމައިތެރިކަންމަތީ އަޑު އައްސަވާ ބޭކަލެކެވެ.
އުމަރުގެފާނުގެ ފާހަގަކޮށްލެވޭ އަނެއް ސިފަފުޅަކީ، އެކަލޭގެފާނަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވަރުގަދަ ޝަހުސިއްޔަތެއްގެ ވެރިއެއްކަމުގައި ވީ ނަމަވެސް އެހެން މީހުންގެ ކުރިމަތީގައި ވަރަށް އާދައިގެ، އެ މީހުންނާ އެއް ހަމައިގެ ބޭކަލެއްގެ ގޮތުގައި އުޅުއްވަމުން ގެންދެވި ބޭކަލެވެ.
ބޮޑާކަމުގެ ސިފަ އެއްގޮތަކަށް ވެސް ފާހަގައެއް ނުކުރެވެ އެވެ. އެހެން މީހަކަށް ފާޑުވިދާޅުވުމުގެ ކުރިން އެކަލޭގެފާނުގެ އަމިއްލަ ނަފްސަށް ފާޑުވިދާޅުވުމުގައި އިސް ކަމެއް ދެއްވާ ބޭކަލެކެވެ. މިކަމުގެ ސަބަބުން އެހެން މީހުން އެކަލޭގެފާނުގެ ރިވެތި ސިފަފުޅުތައް ދަސް ކުރަމުން އައިސްފައިވެ އެވެ.
އުމަރުގެފާނަކީ ނަޒާހަތްތެރިކަމުގެ މަތިވެރި ސިފަ ލިބިވަޑައިގެންވާ ޝަޙުސެކެވެ. މީސްތަކުންނަށް ކުރުމަށް އަމުރު ކުރަައްވާ ކޮންމެ ކަމެއް ވެސް އެންމެ ފުރަތަމަ އެ ކަމެއްގައި ޝާމިލުވެވަޑައިންގަންނަ ވަނީ އެކަލޭގެފާނުކަން ފާހަގަ ކުރެވިފައިވެ އެވެ.
މި ފާހަގަ ކުރެވުނު ގިނަ ސިފަފުޅުތަކަކީ އަޅުގަޑުމެން ކޮންމެ މީހަކުވެސް އެއިން ޢިބުރަތެއް ޙާޞިލް ކުރެވިދާނެ ސިފަތަކެކެވެ. މީގެ އިތުރުންވެސް އަދަދު ނުކުރެވޭ އެތައް ރިވެތި ސިފަފުޅުތަކެއް އުމަރުގެފާނުގެ ފަރާތްޕުޅުން ފެނިފައިވެ އެވެ.