Last Updated: November 25, 22:26
Tuesday, November 26, 2024
ޚަބަރު

ބޭނުން ޖެހިފައިވާ އާއިލާތަކަށް "އެހީއެއް"

ބޭނުން ޖެހިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ހިތަދޫ ނޫރުލް އިސްލާމް ޖަމިއްޔާ އިން ނިންމައިފި އެވެ.

އަންނަ ރޯދަ މަހާ ދިމާކޮށް އެ ޖަމިއްޔާ އިން މި ޕްރޮގްރާމް ކުރިއަށް ގެންދަނީ "ހެޔޮ ކަމަށް މަގު ދައްކާ މީހާ، ހެޔޮކަން ކުރާ މީހާ ފަދަ އެވެ." މި ޝިއާރުގެ ދަށުންނެވެ.

ނޫރުލް އިސްލާމް ޖަމިއްޔާގެ ރައީސް ޝެއިހް މުހައްމަދު އަނީލް މިއަދު ވިދާޅުވީ ބޭނުން ޖެހިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ހިތަދޫގައި ހިންގާ މި ޕްރޮގްރާމަކީ، އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ނިކަމެތި އާއިލާތައް ދަނެގަނެ، އެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށެވެ.

އޭނާ ވިދާޅުވީ ފަގީރުންގެ ލިސްޓްގައި ނަން ނޯޓްކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމަށް ނަން ނޯޓް ކުރަން ފުރުސަތު ހުޅުވާލުމުން، ރަޖިސްޓްރީ ކުރެވޭ މީހުންނަކީ އެންމެ ސައްހަ ލިސްޓް ކަމަށް ގަބޫލް ނުކުރެވޭ ކަމަށެވެ.

އެހެންވެ ނޫރުލް އިސްލާމުން މިހާރު ބަލަމުން އަަންނަނީ އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ފަރާތްތަކަކީ ކޮބައިތޯ ކަމަށް އަނީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި އެހީގެ ޕްރޮގްރާމުގެ ފުރިހަމަ ފައިދާއެއްް ކުރާނީ ސައްހަ ލިސްޓެއް ތައްޔާރު ކުރެވިގެން ކަމަށެވެ.

އެހެންވެ ހިތަދޫގައި ތިބި އެހީތެރިކަން ބޭނުންވާ އާއިލާތަކުން އެ މައުލޫމާތި ނޫރުލް އިސްލާމްގެ ނަމްބަރު 7676446 އަށް ގުޅައިގެންނާއި އެ ނަމްބަރަށް އެސްއެމްއެސްކޮށްގެން ދެވޭނެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

އެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

ނޫރުލް އިސްލާމުން ބުނީ އެ ޖަމިއްޔާ އާ ހިއްސާ ކުރާ މައުުލޫމާތުތަކަކީ އެއްވެސް ފަރާތަކަށް ހިއްސާ ނުކޮށް، ސިއްރު ކުރެވޭނެ މައުލޫމާތުތަކެއް ކަމަށެވެ.

"ކާބޯތަކެތީގެ އެހީގެ ހާއްސަ ޕްރޮގްރާމެއް ހިންގުމަށްޓަކައި ކާބޯތަކެއްޗަށް ބޭނުން ޖެހިފައިވާ ފަގީރު އާއިލާތަައް ހޯދުމަށް ނޫރުލް އިސްލާމް ޖަމިއްޔާ އިން ބޭނުންވެ އެވެ، އެހީގެ ޕްރޮގްރާމާ ގުޅޭ ގޮތުން ނޫރުލް އިސްލާމުން ނެރުނު މީޑިއާ ކިޓްގައި ބުނެފައިވެ އެވެ. "…މި ގޮތުން ލިބޭ މައުލޫމާތުތައް ކަށަވަރު ކުރުމަށް ޖަމިއްޔާގެ ހާއްސަ ވަފުދެއް އެ އާއިލާތަކަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މިފަދަ ފަރާތްތަކުގެ މައުލޫމާތުތަކަކީ ޖަމިއްޔާގެ ސިއްރެކެވެ. އެއްވެސް ފަރާތަކަށް އެ މައުލޫމާތު ހިއްސާ ނުކުރެވޭނެ އެވެ."