ރާއްޖޭގައި މިފަހުން ހިނގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައިސް އަބްދުﷲ ޔާމީނާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުމެއް ސައްހަ ނޫން ކަމަށް ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިން ޝަރީއަތުގައި ބުނެފިއެވެ.
ވ. އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލީ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. ޔާމީންގެ އިތުރުން މި މައްސަލާގައި ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އޭނާގެ މައްޗަށް އުފުލީ ރިޝްވަތު ދިން ކަމުގެ ދައުވާއެވެ.
މި މައްސަލައިގައި މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގައި ޔާމީންގެ ފަރާތުން ހުށަހެޅި 3 ހެއްކެއްގެ ހެކިބަސް ނަގާފައިވެއެވެ.
އެގޮތުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހެކިބަސް ދެމުން ބުނެފައިވަނީ، ރައީސް ޔާމީންގެ ވެރިކަމުގައި ކެބިނެޓްގެ އިތުރުން އިކޮނޮމިކް ޔޫތް ކައުންސިލް އަދި ވަކި ޓާސްކްތަކަށް އުފައްދާ ކައުންސިލްތަކުގައި މަސައްކަތްކުރި ކަމަށެވެ. އިކޮނޮމިކް ޔޫތް ކައުންސިލްގެ މަސައްކަތްތަކާ ގުޅޭގޮތުން ހެކިބަސް ދެމުން ސައީދު ބުނެފައިވަނީ، އިކޮނޮމިކް ޔޫތް ކައުންސިލުން ނިންމާ ކަންކަމަށް ތަންފީޒީ ބާރު ލިބޭނީ އެނިންމުމެއް ރައީސް އެޕްރޫވް ކުރެއްވުމުން ކަމަށެވެ. އިކޮނޮމިކް ޔޫތް ކައުންސިލްއަށް ހުށަހެޅެނީ މާލީ އިގްތިސާދީ މުހިންމު މަސައްކަތްތައް، އަދި ޒުވާނުންނާ ގުޅޭ ހާއްސަ މުހިންމު މަސައްކަތްތައް ކަމަށް ސައީދު ހެކިބަސް ދީފައިވެއެވެ.
އިކޮނޮމިކް ޔޫތް ކައުންސިލްގައި ވ. އާރަށުގެ މައްސަލައިގައި މަޝްވަރާ ކުރެވުނުތޯ ސުވާލުކުރުމުން ސައީދު ބުނެފައިވަނީ، ވ. އާރަށާ ގުޅޭކަމެއް އިކޮނޮމިކް ޔޫތް ކައުންސިލްއަށް ހުށަހެޅުނު ކަމެއް މިހާރު ނޭންގޭ ކަމަށެވެ. އެހެންނަމަވެސް އުސޫލެއްގެ ގޮތުން ފަޅު ރަށްރަށުގެ މައްސަލައަކީ އިކޮނޮމިކް ޔޫތް ކައުންސިލްއަށް ހުށަހެޅޭ މައްސަލަތަކެއް ނޫން ކަމަށް ހެކިބަސް ދީފައިވެއެވެ. އިކޮނޮމިކް ޔޫތް ކައުންސިލްގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ބެލެހެއްޓޭކަން ފާހަގަކޮށް ސައީދު ވިދާޅުވީ، އެ ޔައުމިއްޔާތަކުގެ ކޮންމެ ގަނޑެއްގައި އިކޮނޮމިކް ޔޫތް ކައުންސިލްގެ މެމްބަރުންގެ އިނިޝަލް އޮންނަންވާނެ ކަމަށާއި، އަދި ސޮއި އޮންނަންވާނެ ކަމަށެވެ. އެފަދައިން ނެތް ޔައުމިއްޔާތަކަކީ ސައްހަ ޔައުމިއްޔާއެއް ނޫންކަމަށް ސައީދު ހެކިބަސް ދީފައިވެއެވެ.
ދިފާއީ ވަކީލުންވަނީ މިމައްސަލައިގައި ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ އާރަށުގެ މައްސަލައިގެ ވާހަކަތައް ހިމެނޭ އިކޮނޮމިކް ޔޫތް ކައުންސިލްގެ ޔައުމިއްޔާއެއް ސައީދުއަށް ދެއްކުމަށްފަހު އެއީ ރަނގަޅު ޔައުމިއްޔާއެއްތޯ ސުވާލު ކޮށްފައެވެ. އެ ލިޔުން ބެލުމަށްފަހު ސައީދު ބުނެފައިވަނީ، އޭގައި އޭނާގެ ސޮއި ނެތް ކަމަށާއި އަދި އިނީޝިއަލްވެސް ނެތް ކަމަށެވެ. އެހެންކަމުން އެއީ ސައްހަ ޑޮކިއުމެންޓެއް ނޫން ކަމަށެވެ.
މީގެއިތުރުން ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރުވެސް ހެކިބަސް ދެމުން ބުނެފައިވަނީ އިކޮނޮމިކް ޔޫތް ކައުންސިލްގައި ދެކެވޭ ވާހަކަތަކުގެ ޔައުމިއްޔާ އޮންނާނެ ކަމަށާއި، އެ ޔައުމިއްޔާއެއްގެ ކޮންމެ ގަނޑެއްގައި ވަޒީރުންގެ އިނިޝިއަލް އަދި ސޮއި ކުރަން ޖެހޭނެ ކަމަށެވެ. އަދި އެފަދައިން ސޮޔާ އިނިޝިއަލް ނެތްނަމަ އެއީ ސައްހަ ޔައުމިއްޔާއަކަށް ނުވާނެ ކަމަށް ހެކިބަސް ދީފައިވެއެވެ. އާރަށާ ގުޅޭ އެއްވެސް ކަމެއް އީވައިސީއަށް ހުށަހެޅި މަޝްވަރާ ކުރެވުނުތޯ ސުވާލު ކުރުމުން ޒުހޫރު ބުނެފައިވަނީ ހަނދާން ނެތް ކަމަށެވެ.
ޒުހޫރުގެ ހެކިބަސް ނަގަމުންވެސް، ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ އާރަށުގެ މައްސަލައިގެ ވާހަކަތައް ހިމެނޭ އިކޮނޮމިކް ޔޫތް ކައުންސިލްގެ ޔައުމިއްޔާއެއް އޭނާއަށް ދެއްކުމަށްފަހު އެއީ ސައްހަ އެއްޗެއްތޯ ޔާމީންގެ ވަކީލުން ސުވާލުކޮށްފައިވެއެވެ. އެ ލިޔުން ބެލުމަށްފަހު ޒުހޫރު ބުނެފައިވަނީ އެއީ ސައްހަ ލިޔުމެއް ނޫން ކަމަށާއި، ސަބަބަކީ އެ ޔައުމިއްޔާގައި ވަޒީރުންގެ އިނިޝިއަލް އަދި ސޮއި ނެތުމުން ކަަމަށެވެ.
މީގެއިތުރުން ރައީސް އޮފީހުގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒް ހެކިބަސްދެމުން ވަނީ ރައީސް އޮފީހުގެ ސިޓީތަކުގައި ސޮއި ކުރާ ފަރާތްތަކާއި ސިޓިތައް ފޮނުވޭގޮތާ ގުޅޭގޮތުން ހެކިބަސްދީފައެވެ. އެގޮތުން ރައީސް އޮފީހުން އަންގާ އެންގުންތަކުގެ ގޮތުގައި ފޮނުވާ ސިޓީތަކުގައި ސޮއިކުރެއްވުމަށް ރައީސް ޔާމީން ހުއްދަ ދެއްވާފައިވާ ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވިކަން ފާހަގަކޮށް މުޖުތާޒް ވިދާޅުވީ ޔާމީންގެ ދައުރުގައި ސިޓީތަކުގައި ސޮއިކުރުމުގެ ހުއްދަ ރައީސް އޮފީހުން އެކި ދުވަސްވަރުގައި ދެއްވާފައިވަނީ ހަތަރު ބޭފުޅަކަށް ކަމަށެވެ.
މިމައްސަލައިގައި ދައުލަތުން ހުށަހެޅި ހެއްކެކަމަށްވާ، އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރަން އަންގައި ފޮނުވި ލިޔުމުގައި ރައީސް އޮފީހުގެ އޭރުގެ އަންޑަސެކްރެޓަރީ މޫސާ ފަތުހީ ސޮއިކޮށްފައި އޮތުމުން އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން މުޖުތާޒް ވިދާޅުވީ މުސާ ފަތުހީއަށް ހުއްދަ ދެއްވާފައި އޮންނާނީ އޭނާގެ ޑިޕާޓްމަންޓްގެ ފަރާތުން ފޮނުވާ ލިޔެކިއުންތަކުގައި ސޮއިކުރެއްވުމަށް ކަމަށާއި، ރައީސް އޮފީހުގެ އެންގުންތައް އަންގާ ސިޓީތަކުގައި ސޮއި ކުރުމުގެ ހުއްދަ ނޯންނާނެ ކަމަށެވެ.
މިއަދު ހެކިބަސްނެގި ތިން ހެކިންނާއެކު މި މައްސަލައިގައި ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގާ ނިމުނީއެވެ. ދެން އޮންނާނީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމެވެ. މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމަށް 29 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އަދި އެކަމަށް އިތުރު ބަދަލެއް ގެންނަ ނަމަ، އެކަން ފަހުން އަންގާނެ ކަމަށެވެ.
އާރަށު މައްސަލައިގެ ތަފްސީލު:
މިމައްސަލައާ ގުޅިގެން މީގެކުރިން ޕީޖީ އޮފީހުން ބުނެފައިވަނީ އަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.
މިމައްސަލައިގައި ހިމެނޭ ޔޫސުފް ނަޢީމްގެ މައްޗަށް އުފުލާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 510 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ދިނުމުގެ ދަޢުވާއެވެ.