Last Updated: November 24, 05:46
Sunday, November 24, 2024
ވިޔަފާރި

ކުރިން ހެރަތެރަ ހިންގި ބަޔަކަށް ނުދޭ ގޮތަށް ނިންމައިފި

އައްޑޫ ހެރަތެރަ ކުރިން ހިންގުމުގައި ބައިވެރިވި އެއްވެސް ފަރާތަކަށް އެ ރަށް އަލުން ހިންގަން ނުލިބޭ ގޮތަށް، ރިކްއެސްޓް ފޯ ޕްރޮޕޯޒަލް (އާރުއެފްޕީ) އަށް ކުއްލި އިސްލާހެއް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ގެނެސްފި އެވެ.

ހެރަތެރަ ހިންގުމުގެ ޕްރޮޕޯސަލް މި މަހުގެ 21 ވަނަ ދުވަހު ހުށަހަޅަން ޖެހޭ އިރު އެ ރިސޯޓް ކުރިން ހިންގައި ފެއިލް ވެފައިވާ ބަޔަކަށް އަލުން އެރަށް ކުރިމަތި ނުލެވޭ ގޮތަށް އިސްލާހު ހުށަހަޅާފައިވާ ކަމަށް އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހަންމަދު މަތީން ވިދާޅުވި އެވެ.

"ކުރީގައި އެ ރިސޯޓް ނަގާފައި، އެ ތަން ނުހިންގުނު ބަޔަކަށް އަލުން ދިނުމަކީ ހަމަޖެހޭ ކަމެއް ނޫން. އެހެން މަގުސަދެއްގައި، އެހެން މޯޓިވްއެއްގައި ކުރާ ކަމަކަށް އެހެން ނޫނިއްޔާ ބެލެވޭނީ. އަޅުގަނޑުމެން މި އިސްލާހު ގެނައީ އަޅުގަނޑުމެންގެ ގާނޫނީ ވަކީލުންގެ ލަފާގެ މަތިން. އެ ލަފާ ލިބުމުން ރިޒޮލިއުޝަނެއް ފާސްކޮށްފައި އެކަން މި އާންމުކުރީ،" މަތީން ވިދާޅުވި އެވެ.

ހެރަތެރަ ހިންގާނެ ބަޔަކު ހޯދަން އެމްޓީޑީސީން އިއުލާން ކުރުމުން އެ ތަން ހިންގަން ޝައުގުވެރިވާ ކަމަށް، ކުރިން އެރަށް ހިންގި ޔޮޓް ޓުއާސް އިންވަނީ ބުނެފައިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހިއްސާ އޮންނަ ޔޮޓް ޓްއާސް އަށް ހެރެތެރެ ކުރިން ދީފައިވަނީ އަހަރަކަށް އެނދަކަށް 18،196 ޑޮލަރަށް ކުއްޔަށެވެ.

ނަމަވެސް 2008 މޭ މަހުވީ އެއްބަސްވުމާ އެއްގޮތަށް ޔޮޓް ޓުއާސް އިން ކުލި ނުދެއްކުމާއި ގުޅިގެން 546 އެނދުގެ ހެރަތެރަ ރިސޯޓްގެ އެއްބަސް ވުން އެމްޓީޑީސީން ބާޠިލް ކުރިއެވެ.

އެހެންވެ ޔޮޓް ޓްއާސް އިން އެ މައްސަލަ ކޯޓަށް ހުށަހެޅި އެވެ. އަދި އެއްބަސްވުން ބާތިލުކުރުމުން ޔޮޓް ޓްއާސް އިން ރަށް ދޫކޮށްނުލައި ގިނަ ދުވަސްތަކެއް ވުމުން އެމްޓީޑީސީން ވެސް މައްސަލަ ކޯޓަށް ހުށަހެޅި އެވެ.

އެމްޓީޑީސީ އާއި ހެރަތެރައާ ގުޅޭ މައްސަލަތައް 2011 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ކޯޓުން ބޭރުގައި ވަނީ އެމްޓީޑީސީން ޔޮޓް ޓުއާސް އަށް 3.5 މިލިއަން ޑޮލަރު ދޭގޮތަށް އެއްބަސްވެ މައްސަލަ ނިންމާފައިވެ އެވެ.

ޔޮޓް ޓުއާސްގެ މައްސަލަ ގަޑަށް ފަހަށް އެމްޓީޑީސީގެ މެނޭޖްމަންޓްގެ ދަށުން ދުވަސްކޮޅަކަށް ހެރެތެރެ ހިންގުމަށް ފަހު 2011 ވަނަ އަހަރުގެ ކުރީކޮޅު 20 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން، ތައިލެންޑްގެ އޮނިކްސް ހޮސްޕިޓަލިޓީ ގްރޫޕާ ހަވާލުކުރި އެވެ.

އޭގެ އަހަރެއް ފަހުން އޮނިކްސް ގްރޫޕުން ހެރަތެރަ ނުހިންގިގެން ދޫކޮށްލުމާ ގުޅިގެން އަނެއްކާ ވެސް އަލުން އެމްޓީޑީސީން ރިސޯޓާ ހަވާލުވި އެވެ.