ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ޖަޕާނާއި ފިލިޕީންސަށް ކުރައްވާ ރަސްމީ ދަތުރެއް މިއަދު ފައްޓަވައިފި އެވެ.
މި ދަތުރުގެ ތެރެއިން ފުރަތަމަ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ޖަޕާނަށެވެ. އެ ދަތުރުގައި ޖުލައި މަހު އަވަހާރަކުރި ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޒިންޒޯ އަބޭގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ އިތުރަށް މިހާރުގެ ބޮޑުވަޒީރާއި ފޮރިން މިނިސްޓަރާއި ފިނޭންސް މިނިސްޓަރާ ބައްދަކުރައްވައި މަޝްވަރާތަކެއް ކުރައްވާނެ އެވެ. ޖަނާޒާ އޮތީ މާދަމާ އެވެ.
ޖަޕާންގެ ދަތުރަށް ފަހު ރަނިލް ދެން ވަޑައިގަންނަވާނީ ފިލިޕީންސަށެވެ. އެ ގައުމަށް ކުރައްވާ ދަތުރުގައި ރައީސް ބޮންބޮން މާކޯސް އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އިސްވެރިންނާ ވެސް ބައްދަލުުކުރައްވައި މަޝްވަރާތަކެއް ކުރައްވާނެ އެވެ.
ދެ ގައުމަށް ކުރައްވާ ދަތުރު ނިންމަލާލެއްވުމަށް ފަހު ރަނިލް އެނބުރި ލަންކާ އަށް ވަޑައިގަންނަވާނީ މި މަހުގެ 30 ގަ އެވެ. ރަނިލް ދެ ގައުމަށް ދަތުރެއް މި ފެއްޓެވީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ކެބިނެޓް މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ ގައުމުން ބޭރަށް ކުރައްވާ ރަސްމީ ދަތުރުތައް މަދުކުރަން އާދީއްތަ ދުވަހު އެންގެވުމަށް ފަހު އެވެ.
މިދިޔަ ޖުލައި މަހުގެ 20 ގައި ރައީސްކަމާ ހަވާލުވެވަޑައިގަތް ފަހުން ރަނިލް ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރަކީ މި މަހުގެ 19 ގައި އިނގިރޭސި ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާ އަށް ކުރެއްވި ދަތުރެވެ.