Last Updated: April 2, 14:09
Wednesday, April 2, 2025
ޚަބަރު

ގައުމީ ދުވަހުގެ ޖަލްސާއަށް ރައީސް އުތީމަށް

މިއަހަރުގެ ގައުމީ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހއ. އުތީމަށް ވަޑައިގެންފި އެވެ.

އުތީމަށް މިއަދު ހަވީރު ރައީސް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ވަނީ ސަގާފީ ހަރަކާތްތަކާއެކު ރައީސް އަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ރައީސް އުތީމަށް ކުރައްވާ ދަތުރުފުޅުގައި އެރަށު ރައްޔިތުންގެ ފަރާތުން ދެއްވާ ޖާފަތެއްގައި މިރޭ ބައިވެރިވެވަޑައިގަންނަވާނެ އެވެ. ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު އެވެ. މާދަމާ ހެނދުނު ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އުތީމަށްފަހު ރައީސްގެ މާދަމާ ވަޑައިގަންނަވާނީ ހއ. ދިއްދޫ އަށެވެ. ދިއްދޫ އަށް ވަޑައިގެން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ގެ ޒޯން 1 ގެ ޚިދުމަތް ފަށައި އެނިޒާމް އެސަރަޙައްދުގައި ފުރިހަމަކޮށްފައިވާތީ ރަސްމީކޮށް އެކަން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރައީސް ތިލަދުންމައްޗަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.