(އެޕްރީލް 6، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
ހަތަރު ވަނަ ދައުރަކަށް ކުރިމަތިލެއްވުން
ރައިސް މައުމޫންގެ ވެރިކަމުގެ ތިން ވަނަ ދައުރު ނިމެމުން އައި އިރު އައްޑޫ މީހުން ތިބީ އެހާ ހިތްހަމަޖެހިގެނެއް ނޫނެވެ. ވުމާ އެކު ހަތަރު ވަނަ ދައުރަކަށް ވޯޓް ލުމަށް އަހަރެއްހާ ދުވަހަށް މުއްދަތު ކުރުވެފައިވާތީ ފެބްރުއަރީ 16، 1992 ގައި އައްޑުއަށާއި ފުވައްމުލަކަށް އެ މަނިކުފާން ފުރަމާނަ ދަތުރުފުޅެއް ކުރެއްވި އެވެ. އެ ދަތުރުފުޅުން އެނގިވަޑައިގަތް އެންމެ މުހިއްމު އެއް ކަމަކަށް ވެގެން ދިޔައީ ފޭދޫ ހުކުރު މިސްކިތުގެ މައްސަލަ އެވެ.
އެއީ 1960 ވަނަ އަހަރު އިނގިރޭސީން އަޅައި ދިން މިސްކިތް ތަޅާލައިފައި ވަނީ ރާބިތަތުލް އާލަމުލް އިސްލާމީގެ އެހީގައި އެޅުމަށް ހަމަޖެހި، ފަންޑް ލިބިފައިވާ ޒަމާނީ މިސްކިތެއް އިމާރާތް ކުރުމަށެވެ.
ނަމަވެސް އޭޑީއޭ އިން މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތާ ހަވާލުވުމުން ކަންތައް ހިނގައި ދިޔަ ގޮތް ތިޔަ ބޭފުޅުން ވާނީ ވިދާޅުވެފަ އެވެ.
މި ދަތުރުފުޅުގައި 17 ވަނަ ދުވަހު އެ މަނިކުފާން ވަނީ ސަދަން ސެކަންޑްރީ ސްކޫލް (މިހާރުގެ ޝަރަފުއްދީން ސްކޫލް) އާއި އިސްލާމިއްޔާ (މިހާރުގެ އައްޑޫ ހައި ސްކޫލް) ގެ އާ އިމާރާތް ހުޅުއްވައި ދެއްވައިފަ އެވެ. އަދި ފޭދޫގައި އިމާރާތް ކުރި ޒަމާނީ މިސްކިތުގެ މަސައްކަތް ނިމުމާ އެކު މައުމޫން ވަނީ އައްޑު އަށް ވަޑައިގެން މި މިސްކިތް މަސްޖިދުލް އަމާންގެ ނަމުގައި ހުޅުއްވައި ދެއްވައިފަ އެވެ.
އެއީ ސެޕްޓެމްބަރު 22، 1993 ގަ އެވެ. ރިޔާސީ އިންތިހާބަށް ވޯޓް ލާން ވަނީ ހަފުތާއެއްހާ ދުވަހަށްވެފަ އެވެ.
ރިޔާސީ އިންތިހާބުގެ ތެރޭގައި މައުމޫން ފޭދު އަށް ވަޑައިގަތުމުން ފޭދޫގެ ބިން ގިރަމުންދާ މައްސަލައަކީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެއްކަން އެނގިވަޑައިގަތެވެ.
ވުމާ އެކު އިންތިހާބު ކާމިޔާބް ކުރެއްވުމަށް ފަހު، އެ މަނިކުފާނުގެ ހާއްސަ އިނާޔަތުގެ ދަށުން ފޭދޫ ދޮންވެލިން މުއްސަނދިކޮށް ދެއްވުމުގެ މަޝްރޫއެއް ފަށްޓަވާ ދެއްވި އެވެ.
މިއީ ރާއްޖޭގެ ރަށެއް، އެ ރަށެއްގެ ވަށައި ފުޅާ ގޮނޑުދޮށެއް ލައްވައިގެން ހަމައެކަނި ދޮންވެލިން މުއްސަނދިިކޮށް ދެއްވާ ފުރަތަމަ ފަހަރެވެ. (ނުނިމޭ)
ނޯޓް: މިއީ ފޭދޫ އަލީ ފަހުމީ އަހުމަދު ސެޕްޓެމްބަރު 25، 2013 ގައި ނެރުއްވި "އައްޑޫ ގަން ހިންގުން" މި ފޮތެވެ.
"އައްޑޫ ލައިވް" ގައި މި ފޮތް ސިލްސިލާއެއްގެ ގޮތުގައި ޝާއިއު ކުރަން ހަދިޔާ ކުރެއްވި ކަމަށްޓަކައި، މި ނޫހުގެ ފަރާތުން ފަހުމީ އަށް ހާއްސަ ޝުކުރެއް އަރިސް ކުރަމެވެ.