Last Updated: December 29, 00:10
Saturday, December 28, 2024
މުނިފޫހިފިލުވުން

ފޯނެއް ލިބުނީ 13 އަހަރުގައި: އަލާޔާ

މޮބައިލް ފޯނެއް ލިބުނީ އުމުރުން 13 އަހަރުގައި ކަމަށާއި ފޯނު ލިބުނު ދުވަހު އުފަލުން ގޮސް ރޮވުނު ކަމަށް ބޮލީވުޑްގެ ޒުވާން ބަތަލާ އަލާޔާ ފަރްނީޗަރުވާލާ ބުނެފި އެވެ.

"ޖޯ ޖީތާ ވޮހީ ސިކަންދަރު" ފަދަ ފިލްމުތައް ކުޅުނު ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ ދަރިފުޅު ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނަގެ ވަރަށް ގިނަ ރައްޓެހިންނަށް އެ މީހުންގެ އުމުރުން 11 އަހަރުގައި ފޯނު ލިބުނު ކަމަށެވެ.

"އެކަމަކު މަންމަ އެއްގޮތަކަށް ވެސް ބޭނުމެއް ނުވި އެ އުމުރުގައި އަހަންނަށް މޮބައިލް ފޯނެއް ދޭކަށް. ދެން އަސްލު އެކަމާ ވަރަށް ދެރަވެގެން އުޅުނީ." 2020 ގެ "ޖާވަނި ޖާނެމަން" އިން ބޮލީވުޑަށް ނުކުތް އުންމީދީ ބަތަލާ ބުންޏެވެ.

އަލާޔާ، 24، ބުނި ގޮތުގައި މަންމަ އެންމެ ފަހުން އޭނަ އަށް ފޯނެއް ހަދިޔާއަކަށް ދިނީ 13 އަހަރުގަ އެވެ.

"އެ ދުވަހު އުފަލުން ގޮސް ރޮވެން ވެސް ރޮވުނު. ވަރަށް ހަނދާން ވެސް އެބަހުރި އެއީ ފިޔާތޮށި ކުލައިގެ ނޮކިއާ 6250 މޮޑެލްގެ އެއްޗެއް." ކުޅަދާނަ އެކްޓަރު ކަބީރް ބޭދީގެ ކާފަދަރިފުޅު ބުންޏެވެ. "އެ ފޯނުވީ އަހަންނަށް ވަރަށް ލޯބި އެއްޗަކަށް."

ފުރަތަމަ ފިލްމުން ފިލްމުފެއާގެ މޮޅު ބަތަލާގެ އެވޯޑް ވެސް ލިބުނު އަލާޔާގެ ދެ ފިލްމެއް ކުރިއަށް އެބައޮތެވެ. އެއީ ކާތިކް އާރިޔަނާ އެކީ ކުޅެފައިވާ "ފްރެޑީ" އާއި އެކްތާ ކަޕޫރް ޕްރޮޑިއުސްކުރާ "ޔޫ ޓާން" އެވެ. "ޔޫ ޓާން" އަކީ ހަމަ އެ ނަމުގައި ދެކުނުގެ މަޝްހޫރު ބަތަލާ ސަމަންތާ ރޫތު ޕްރަބޫގެ 2018 ގައި ކުޅުނު ތުރިލާގެ ރިމޭކެކެވެ.